ފްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް ބަލައިގަތުމަށާއި، ކޮންގްރެސްގައި އެޕާޓީގެ މަގާމުތަކަށް އައްޔަންކުރި ފަރާތްތައް ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މިއަދު ހައި ކޯޓުން ކުރި އަމުރާ އެއް ގޮތަށް ދަފްތަރު ކޮށްފި އެވެ.

މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމުން ހާއްސަ ގޮތުން ބޭއްވި ކޮންގްރެސް ގާނޫނާ ހިލާފު ކަމަށް އިލެކްޝަނުން ނިންމި ނިންމުން ސައްހަ ނޫން ކަމަށެވެ.

އެކަމާ ގުޅިގެން އީސީގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ މިރޭ 9:30 ހާއިރު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ޕީޕީއެމްގެ ކޮންގްރެސްގައި ނިންމި ނިންމުންތައް ދަފްތަރު ކުރުމަށް ނިންމައި ހައި ކޯޓުގެ ހުކުމާއި އެއް ގޮތަށް އަމަލު ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ދަފްތަރު ކުރެވިފައިވާ އަސާސީ ގަވާއިދުގެ ކޮޕީއެއް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ޕީޕީއެމަށް ފޮނުވާނެ ކަމަށެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ބައެއް ޝަރުއީ އަދި ގާނޫނީ ކަންކަމަށް ރިޔާއަތް ކޮށްފައިނުވާތީ އެ ހުކުމް އަންނަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހަޅާނެ ކަން ޝަރީފު ފާހަގަކުރެއްވި އެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި ނައިބު ރައީސުން އައްޔަން ކޮށްފައި ވަނީ އަސާސީ ގަވާއިދުގެ ދެ މާއްދާއެއް ފުށުއަރާ ގޮތަށް ކަމަށް އީސީން ކޯޓުގައި ބުނި ނަމަވެސް އަސާސީ ގަވާއިދުގައި ފުށޫ އެރުމެއް ނެތް ކަމަށް ހައިކޯޓުން ވަނީ ބުނެފަ އެވެ

ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ ރައީސަކަށް އިންތިހާބު ކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި އަބްދުއްރަހީމް އަބްދުﷲ އަދި އާޒިމާ ޝުކޫރުގެ އިތުރުން މުހައްމަދު ސައީދު އަދި މޫސާ ޒަމީރު އެވެ.