28 Sep 2011, 12:32
ހއ. ހޯރަފުށީ ހުސޭނުބޭ މަރުގެ މައްސަލައިގައި ހިމެނޭ ތިން މީހުންގެ ތެރޭގައި ހިމެނޭ ދެ މީހެއްގެ މައްޗަށް ދައުލަތުން އިތުރު ދެ ދައުވާއެއް އުފުލައި މިއަދު ޝަރީއަތް ފަށައިފި އެވެ.
އެއީ ހޯރަފުށީ ސޯސަންވިލާ ނުއުމާން އަބްދުﷲ އާއި އުންމީދީ މަންޒިލް އަހުމަދު އިބުރާހިމްގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް ކުރާ ދެ ދައުވާއަކީ ޖަމާއަތް ހަދައިގެން ވައްކަންކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ އެވެ.
މި ދެމީހުން ޖަމާއަތް ހަދައިގެން ވައްކަން ކުރި ކަމަށް ބުނެ ދައުވާކޮށްފައި ވަނީ އޮކްޓޯބަރ 7، 2010 ގެ ރޭ ދަންވަރު ހޯރަފުށީ ދެ ގެއެއްގެ ކައިރީ ޕާކްކޮށްފައި ހުރި ދެ ސައިކަލެއް ވަގަށް ނެގިކަމުގެ ކުށުގަ އެވެ. ނަމަވެސް ގާނޫނުލް އުގޫބާތުގެ 138 އަދި 136 ވަނަ މާއްދާގެ ދަށުން އުފުލި ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ފެށުމާއެކު ދެ މީހުން ވެސް ބުނެފައި ވަނީ ދައުލަތުން ކުރާ އެ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.
ނުއުމާ އަބުދުﷲ އާއި އަހުމަދު އިބުރާހިމް ދައުވާއަށް އިންކާރު ކުރުމުން އެ ދެމީހުންގެ މައްޗަށް މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ ދެ ހެއްކެއްގެ ގޮތުގައި ދެ ސައިކަލުގެ ވެރިންގެ ނަން ޝަރީއަތަށް މިއަދު ހުށަހަޅައިފަ އެވެ.
ނޫއުމާން އަބްދުﷲ އާއި އަހުމަދު އިބުރާހިމާ ދެ މީހުންގެ މައްޗަށް އިތުރު ޓެރަރިޒަމްގެ ދައުވާ އެއް މިއަދު ކުރީ ވައްކަމުގެ މައްސަލައިގައި ބުނާ ދެ ސައިކަލް ވަގަށް ނެގުމަށްފަހު ރޯކޮށްލި ކަމަށް ބުނެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން މި ދައުވާ އުފުލުމުން އެ ދައުވާ އަށް ވެސް ދެ މީހުން ވަނީ އިންކާރު ކޮށްފަ އެވެ. އޭގެ ތެރެއިން އަހުމަދު އިބުރާހިމް، އެ މައްސަލައިގައި ދައުލަތުގެ ފަރާތުން އޭނާއަށް ގާނޫނީ ވަކީލަކު ހަމަޖައްސައި ދިނުމަށް އެދުނު އިރު ނުއުމާން އަބުދުﷲ ބުނީ ވަކީލަކު ބޭނުން ނުވާކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމައިލެއްވެވީ މި މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވަވާނެ ކަމަށް އިއުލާން ކުރުމަށް ފަހު އެވެ.
ނުއުމާން އަބްދުﷲ އާއި އަހުމަދު އިބުރާހިމްގެ މައްޗަށް މީގެ ކުރިން އުފުލާފައި ވަނީ ހުސޭނުބޭ ރަހީނުގެ ކުރި ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ އާއި ޖަމާއަތް ހަދައިގެން ހުސޭނުބޭގެ ގެއިން ވައްކަން ކުރުމުގެ ކުށުގަ އެވެ. މި ދެ މައްސަލައިގައި ދެން ހިމެނެނީ ހޯރަފުށީ ޅޮހީގޭ މުހައްމަދު ލަތީފެވެ.