އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ހުސްވެފައިވާ ލީޑަރުކަމުގެ މަގާމަށް އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ޗީފް ވިޕަކަށް އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިއަދު އިންތިހާބު ވެއްޖެ އެވެ.

މި ދެމަގާމު ހުސްވެފައިވަނީ ކުރިން އެ ޕާޓީގެ ޕީޖީ ލީޑަރުކަމަށް އަދާކުރެއްވި، އޭރުގެ ހިންނަވަރު ދާއިރާ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުންނެވެ. އަދި ޗީފް ވިޕަކަށް ކުރިން ހުންނެވި މައްޗަންގޮޅި އުތުރު ދައިރާގެ ކުރީގެ މެމްބަރު، މާރިޔާ އަހްމަދު ދިދީ ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރުމުންނެވެ.

އަސްލަމް އަދި ނިޒާރު މި ދެ މަގާމަށް ކަނޑައަޅާފައިވަނީ އެ މަގާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން އިތުރު މެމްބަރުން ކުރިމަތި ނުލުމުންނެވެ. އެ ދެމަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވެފައިވަނީ މިއަދަށެވެ.

އަލަށް ޕީޖީ ލީޑަރުކަމާ ހަވާލުވެވަޑައިގެންނެވި އަސްލަމް މިރޭ "ސަން" އަށް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވާނީ ސަރުކާރުގެ ލެޖިސްލޭޓިވް އެގެންޑާ ކުރިއަށް ނެރެ މަޖިލިސްގެ ގާނޫނީ މެންޑޭޑް ތެރެއިން ކަމަށެވެ.

2004 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އަސްލަމަކީ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ އެކި ފަހަރު މަތިން އެމްޑީޕީގެ ޕީޖީ ލީޑަރު ކަންވެސް ކުރައްވާފައެވެ.