ޑިމާންޑާ އެއްވަރަށް ރާއްޖޭގެ ޑޮމެސްތިކް އޭވިއޭޝަން ދާއިރާ ކުރިނާރާ ކަމަށް މަންތާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވެއްޖެއެވެ.

މަންތާ އެއާގެ ބްރޭންޑް ރަސްމީކޮށް ލޯންޗުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންއަންނަ ބާރަމިނާ އަޅާބަލާއިރު އެތެރޭގެ އުދުހުމުގެ ދާއިރާ ކުރި ނާރާކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި 42،000 އަށް ވުރެ ގިނަ ޓޫރިސްޓު އެނދު އެބަހުރި ކަމަށާއި އެނދު އިތުރުވަމުން އަންނަނީ 10 ޕަސެންޓުގައި ކަމަށެވެ.

މަންތާ އެއާގެ ފްލިޓަށް ގެނައި ފުރަތަމަ ބޯޓު ރާއްޖެ ގެނައުން -- ސަން ފޮޓޯ / އަޙުމަދު އަވްޝަން އިލްޔާސް

"ގެސްޓު ހައުސްތަކާއި ރިސޯޓުތައް އިތުރުވަމުން އަންނައިރު، އެތަންތަނަށް ޒިޔާރަތްކުރާ ފަތުރުވެރިން އިންޓަނޭޝަނަލް އެއާޕޯޓުން ރިސޯޓާއި ހަމައަށް ގެންގޮސްދޭނެ އެއާލައިނެއް ބޭނުންވޭ. ރާއްޖޭގައި ކޮލެޓީ ރަނގަޅު ރިސޯޓުތައް ހިންގަމުން އަންނައިރު، ފަތުރުވެރިންގެ ޝަކުވާއަކީ އެއާޕޯޓުން ރިސޯޓަށް އަދި ރިސޯޓުން އެއާޕޯޓަށް ސިއުމުގައި އުފުލަންޖެހޭ ތަކުލީފު،" ހަލީލް ވިދާޅުވީ އެ ދަތުރުތަކުގެ އަގު ބޮޑުވުމަކީވެސް ފަތުރުވެރިންގެ ޝަކުވާއެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެ މައްސަލަތަކަކީ މި ދާއިރަގައި އޮތް މޮނޮޕޮލީގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެއް ކަމަށް. ރަނގަޅު ވާދަވެރިކަމެއް އޮންނަނަމަ، ހިދުމަތް ރަނގަޅުވެ އަގުވެސް ހެޔޮވެގެންދާނެ،" ހަލީލް ވިދާޅުވީ ޓެލެކޮމިއުނިކެޝަންގެ ދާއިރާއަށްވެސް ވާދަވެރިކަން އައުމުން ތަފާތު ފެނުނު ކަމަށާއި އޭވިއޭޝަން ދާއިރާގައިވެސް އެކަން އެގޮތަށް ނުވާންވީ ސަބަބެއް ނެތް ކަމަށެވެ.

ހަލީލް ވިދާޅުވީ މަންތާ އެއާ ފަށަނީ 80 ޕަސެންޓު ދިވެހި މުވައްޒަފުންނާއެކު ކަމަށެވެ. އެ އެއާލައިނުގެ މުހިއްމު މަގާމުތަކުގައި ތިބީ ދިވެހިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަންތާ އެއާގެ ފްލައިޓުގެ ދެ ކެޓަގަރީއެއްގެ ސީޓު ހުންނާނެއެވެ. އެއީ ކޮމްފޯޓު އަދި ސެފިއާ ކްލާހެވެ. ކޮމްފޯޓު ކުލާހުގައި ދަތުރުކުރާ ފަސިންޖަރުންނަށް 22 ކިލޯގެ ބެގެޖު އެލަވެންސް އަދި ސެފިއާ ކްލާހުގެ ފަސިންޖަރުންނަށް 35 ކިލޯގެ ބެގެކް އެލަވެންސް ދޭނެއެވެ.

މަންތާ އެއާ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ

މަންތާ އެއާގެ ދަތުރުތައް ފަށާއިރު ފަސިންޖަރުންނަށް ސީޓު ހޯދަންވެސް ފަސޭހަވާނެއެވެ.

"އަޅުގަނޑުމެން ވިސްނާފައި މިއޮތީ ޕްރީ ޝެޑިއުލް އަށް ބޭސްކޮށްގެން އޮޕަރޭޝަންތައް ކުރިއަށް ގެންދަން. ކޮންމެ ބޭފުޅަކުވެސް ދަތުރު ކުރައްވަން ބޭނުންފުޅުވާ ދުވަހެއް ކަނޑައަޅާފައި ރިޒަވޭޝަންހަދައިގެން ސީޓް ކޮންފާމް ކުރެވޭނެ. ސީޓް ކޮންފާމުވިތޯ ބަލަން ފަހުވަގުތަށް މަޑުކުރަން ނުޖެހޭނެ. ހަމަސް ކުރިން ސީޓް ރިޒާވް ކުރަން ބޭނުންވިޔަސް އެ [ދަތުރުކުރަން ބޭނުންވާ] ދުވަހަކަށް ސީޓްއެވެއިލެބްލް ވަންޏާ، ސީޓް ނަންބަރާ ފްލައިޓު ވަގުތާ އެކީ އެނގިގެންދާނެ ހަމަސްދުވަސް ކުރިންވެސް،" ހަލީލް މީގެކުރިން ވިދާޅުވިއެވެ.

މަންތާ އެއާގެ ދަތުރުތައް ރާވަނީ ކޮންމެ ހަ މަހަކުން ޝެޑިއުލް އާންމުކުރާ ގޮތަށް ކަމަށްވެސް ހަލީލް ވަނީ ވިދާޅުވެފައެވެ.

"މިހާރު އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ސީޑް ނުލިބުން .ހާއްސަކޮށް ލޯކަލްސް އަށް. އެމީހުންނަށް ސީޓު މިލިބެނީ ފުރަން ވަރަށް ކައިރިކޮށްފައި. އަޅުގަނޑުމެންގެ ސީޓު އެވެއިލެބަލްތޯ ބެލޭނެ ފަސިންޖަރު އަމިއްލައަށް .އެވެއިލެބްލް ވަންޏާ، އެ ސީޓު ކޮންފާމް ކުރެވޭނެ އަމިއްލައަށް،" ހަލީލް ވިދާޅުވިއެވެ.