ސްޓާޕްލަސް އިން ގެނެސްދެމުން އަންނަ ކާމިޔާބު ޓީވީ ސިލްސިލާ "އިޝްގްބާޒް"ގެ މައްސަލަ މިހާރު މިވަނީ ވަރަށް ހޫނުވެފަ އެވެ. މައްސަލަ ގަނޑުބޮޑުވެ ގިނަ ތަރިން ޝޯ ދޫކޮށްލަން ވެސް ނިންމައިފި އެވެ.

މީގެ ދެ ދުވަސް ކުރިން އެ ސިލްސިލާގައި އަނިކާގެ ރޯލު ކުޅޭ ތަރި ސުރްބީ ޗަންދަނާ އެ ޝޯ ދޫކޮށްލަން އުޅޭކަން އިއުލާންކޮށް ވަނީ ޓްވީޓެއްވެސް ކޮށްފަ އެވެ.

އޭގެއިތުރުން އެ ޝޯގައި ދެން ފެނިގެންދާ މެއިން ކާސްޓުގެ ތެރޭގައި ހިމެނޭ ޝިވާއޭ ސިންގް އޮބެރޯއީގެ ރޯލް ކުޅޭ ނަކުލް މެހެތާ ފިޔަވައި މުހިއްމު އެހެން ހުރިހާ ކެރެކްޓާތަކެއް ކުޅޭ ތަރިން ވަނީ "އިޝްގްބާޒް" ދޫކޮށްލަން ނިންމައިފަ އެވެ.

"އިޝްގްބާޒް"ގެ ލީޑު ތިން ފިރިހެން ތަރިން....

ޝޯ ދޫކޮށްލަން ނިންމާފައިވާ ތަރިންގެ ތެރޭގައި ޝްރެނޫ ޕަރިކް (ގޯރީ ވަރުދާން)، ލެނޫޝް މައްޓޫ (ރުދުރާ ސިންގް އޮބެރޯއީ)، މާންސީ ސުރިވަސްތާވް (ބާވިޔާ ޕްރަތާބު)، އަދި ކުނާލް ޖެއިސިންގް (އޮމްކާރޯ ސިންގް އޮބެރޯއީ) ހިމެނެ އެވެ.

"އިޝްގްބާޒް" އާ ބެހޭ ގޮތުން އެތަރިން ބުނަނީ މިވަގުތު ޝޯ އާ ބެހޭ ގޮތުން މާ ގިނަ ވާހަކަތަކެއް ދައްކަން ބޭނުންނުވާ ކަމަށާއި އެ ޝޯ އަށް ދެން ވާނެ ގޮތް ބަލަން ތިބޭނެ ކަމަށެވެ.

ސުރްބީ (އަނިކާ) އެ ޝޯ ދޫކޮށްލީ ވާހަކައަށް ބަދަލެއް ގެނައިރު އޭނާ އަށް މަންމަ އެއްގެ ރޯލު ކުޅެންޖެހޭތީ އެވެ.

އޭނާ އެ ރޯލު ނުކުޅެން ނިންމައި ޝޯ ދޫކޮށްލުމުން ދެން އެ ރޯލުން ފެންނާނެ ކަމަށް ބެލެވޭ ތަރިންގެ ތެރޭގައި މަޝްހޫރު ޓީވީ ސިލްސިލާ "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ"ގެ ބަތަލާ ސަނާޔާ އިރާނީ އާއި ކަލާޒުން ދައްކާ "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" އިން ވަކިވި ދުރަޝްތީ ދާމީ ހިމެނެ އެވެ.