"މިކާ....ބޭބީ ކިހިނެއްވެފަ؟"ހަޔާތީ ތެދުވެގެން އައިސް އެނދުގައި ކުޑަކަކޫ ޖެއްސިގޮތަށް ދަތްދޮޅި އަޅުވައިލީ ކޮނޑުގައެވެ.މިކާލް ގެ މޭގައި އަތް ޖައްސައިލިއިރު އެހެން ދުވަހާއި ޚިލާފަށް ތަންކޮޅެއް ބާރަށް ވިންދުޖަހައެވެ.ޖިމަށްގޮސްފައި އައުމުން ނޫނީ ކަމަކާއި ހާސްވިޔަސް ވާނީ އެވަރެވެ.ކައިރިވެލުމުން ދުވި ސެންޓުގެ ލުއިވަހުން ބަނޑުފުރިގެން އައެވެ.

"އާދުއާއި ސަމާ ސީރިޔާއަށް ހިގައްޖެ........"

"އައިމް ސޮރީ...."ހަޔާތީ ވަކި ބުނާނީ ކީކޭހެއްޔެވެ؟ މިކާލްގެ ހަގީގަތެއް އޭނައަކަށް ނޭގެއެވެ.މިކާލްގެ ފިކުރަކީ ކޮބާކަމެއް އެނގެނީއެއް ނޫނެވެ.މިކާލް އޭނައަށް ސިއްރުކުރާ ކަންތައްތަކެއް ވާކަން އެނގޭއިރު އެ ސިކުނޑީގައި ހިގަނީ ކޮންކަންތައްތަކެއް އެއްގޮތަކަށްވެސް ދެނެގަންނާކަށް ނޭގެއެވެ.

"ސަމާމެންނަށް ވީގޮތް ބަލައިލަން އަހަރެން އެކޮޅަށް ދިޔައްޔާ ކިހިނެއްވާނެ.އައިމް ހާ ބްރަދާ.ކީކޭ ހަޔާ ބުނަނީ......"މިކާލް އަހައިލިއެވެ.

"ކީކޭ.ކީކޭ މިކާ ތިކިޔަނީ..."ހަޔާތީ ސިހުނުވަރުން ތެދުވާން ހަދައިގެން އެނދުން ވެއްޓުނުގޮތަށް ފަޔަށް ތަދެއް އެރިއެވެ.މިކާލް އަތްދިއްކޮށްލާފައި ހަޔާތީ ބިންމަތިން ނެގިއެވެ.

"އެތަނަށް ގޮއްސިއްޔާ ނާދެވޭނެ.ފުލުހުންނާއި ސިފައިން އެތިބީ.ސީރިޔަން އާމީވެސް އޮންނާނެ.ސަރުކާރުން ހެލްޕްވާނެ.ކަމާއި ބެހޭ ދާއިރާތަކަށް އެކަން ކުރެވޭނީ.މިކާއަށް ކޮންކަމެއް ކުރެވޭނީ؟ ޔޫ އާ ނޮޓް އިން އެ ޕޮޒިޝަން ޓު ހެލްޕް ދެމް މިކާ ބޭބީ.....ކަމާ ބެހޭ މީހުން ހެންޑްލް ކުރިޔަދީ..."ހަޔާތީ މިކާލްގެ އަތުގައި ހިފަހައްޓައިލިއިރު އަތް ގަނޑުފެންކޮޅެއްހާ ފިނިވެއްޖެއެވެ.

"ހަޔާ ޔޫ އާ އެންޑައެސްޓިމޭޓިން މީ..."މިކާލް ބުނެލިއެވެ.

"ތި ބުނީ ކީކޭ..."ހަޔާތީއަކަށް ނުވިސްނުނެވެ.

"އެމީހުންނަށްވުރެ އަހަރެންގެ ހިތްވަރު ކުޑައެއްނުވާނެ.ސޯ..އަހަރެން ދިޔަސް އޯކޭތަ........"މިކާލް ދެވަނަފަހަރަށްވެސް ހަޔާތީ ގެ ކައިރިން ހުއްދައަށް އެދުނެވެ.

"ނޯ......"ހަޔާތީއަށް ބުނެވުނީ ތަންކޮޅެއް ހަރުކޮށެވެ.

"ޑޯންޓް އީވެން ތިންކް އެބައުޓް އިޓް.އައި ވޯންޓް ލެޓް ޔޫ ގޯ."ހަޔާތީ މިކާލްގެ މޫނުގައި ހިފާ އޭނައާއި ދިމާލަށް އަނބުރުވާލިއިރު މިކާލްގެ ލޮލުން ފެނުނީ ސާބިތުކަމެވެ.

"އައި ނިއު ޔޫ ވުޑް ބީ ލައިކް ދިސް އެހެންވެ ޓިކްޓް ނަގައިފިން.ހަޔާއަކީ ނުވިސްނޭ ޅަކުއްޖެއްނޫން.ސަމާގެ ބޭބެގެ ހައިސިއްޔަތުން އޭނައަށް ވީގޮތެއް އޮޅުން ފިލުވަން ދިޔުމަކީ ޒިންމާއެއް.އެހެންވެ ދާން ނިންމީ.ހަޔާ.ކެތްތެރިންނާއިއެކު މާތް ﷲ ވޮޑިގެންވަނީ.ދުނިޔޭގައި ޖެހޭ ކޮންމެ ދަތިކަމެއް އުދަގުލެއް މުސީބާތަކަށް ކެތްކުރަން އަހަރެމެން ޖެހޭނެ.މުސްލިމުންގެ ގައިގާ ކެތްތެރިކަން ހުންނަންވާނެ.މި ފަނާވެދަނިވި ދުނިޔެއަކީ ހަގީގީ ދުނިޔެއަށް ދަމުން ޖައްސައިލި ވަގުތީ މަންޒިލެއް.ޓްރާންޒިޓް ޕޮއިންޓެއް.ރަގަޅަށް ވިސްނައިލިއްޔާ މިއީ ތެދެއްކަން އެނގޭނެ.ވީ ބިލޯންގް ޓު ﷲ.ވީމަ މެޓީރިއަލް ތިންގްސްއާއިހެދި އެހާވަރުން ނޫޅެ ރޫހާނީ ހިތްހަމަޖެހުން ހޯދަން ބޭބީވެސް މަސައްކަތްކުރަންފަށާ.އެ އުފާ ލިބޭނީ ހެއްދެވިފަރާތާއި ކްލޯޒްވީވަރަކުން.ދުނިޔެއާއިހެދި އެހާވަރުން ނޫޅެ ދުނިޔެއަށް ފޮނުއްވި ހަގީގީ މަގުސަދު އެނގުނީމަ.އެރުން ދުނިޔޭގެ މުސީބާތްތަކަށް ހިތާމަ ކުޑަވާނެ.އެނީވޭސް ދެރަނުވައްޗޭ.އިރާދަކުރެއްވިއްޔާ މިޝަން ކާމިޔާބުވާއިރަށް އެނބުރި އަންނާނަން.ޖަސްޓް ޕްރޮމިސް މީ ޔޫލް ވެއިޓް ފޯ މީ........"މިކާލް ދެއްކި ވާހަކަތައް ހަޔާތީއަށް މުޅިން ފަހުމް ވިހެނެއްވެސް ހިޔެއްނުވެއެވެ.

އަނެއްކޮޅުން މިކާލްގެ ސީރިޔަސްކަމާއިއެކު އެލޮލުން ފެނުނު ކުލަވަރު ހަޔާތީގެ ސިކުނޑި ހާސްކުރުވިއެވެ.ރުޅިވެރިކަން ހިތާމައިގެ މައްޗަށް ކުރި ހޯދިއެވެ.އައި ގަދަ ރުޅިއެއްގެ ސަބަބުން ފުންމައިގެން ތެދުވުނުއިރު ތުން ފިތައިލެވިއްޖެއެވެ.މިކާލްއާއި އޭނަގެ ދިރިއުޅުން މިހާ އޮމާންކޮށް ދަނިކޮށް އޭނަ އެކަނިކޮށްލާފައި ގޮތްނޭގޭ ތާކަށްދާން ޖެހޭހެއްޔެވެ؟ ސަމާދިޔައީ ސަމާގެ ފިރިމީހާއާއިއެކު ދާން ބޭނުންވެގެންނެވެ.އެހެނޭކިޔާފައި ތިމާގެ ނަފުސް ނުރައްކަލަށް ހުށަހަޅާކަށް މިކާލް ނުޖެހޭނެއެވެ.އޭނަ އެކަނިކޮށްލާފައި ދެރަކޮށްލާފައި ސީރިޔާއަށް ދިޔުމާއި އޭނަ ދިމާ އިދިކޮޅެވެ.އަދި އިންތިޒާރުކުރާށޭވެސް ބުނިލެއް ކިހާ ރީތިހެއްޔެވެ؟ ހަޔާތީ އައި ރުޅިން އެއްޗެކޭވެސް ނުބުނެ ބާރުބާރަށް ހިނގާފައި ނުކުތީ ރޮވިދާނެތީއެވެ.ސިޓިންރޫމް އޮތީ ފަޅަށެވެ.މަންމައާއި ޝައިޚާ ފެންނާކަށް ނެތެވެ.އޭނަ ހުއްޓުނީ ސިންކު ކައިރީގައެވެ.ސިންކު ތަށިތަކުން ފުރިފައެވެ.މިއަދު އެހެން ކަންތަކާ ބޯ ގޮއްވައިގެން އުޅުމުން ދޮންނަން ހަނދާންނެތުނީއެވެ.ހުރިހާ ރުޅިއެއް ބޭލުނީ ތަށިތަކަށެވެ.އެހާ އަޑުގަދައެވެ.ތަށިތައް އެކަތި އަނެކައްޗާއި ކޭއްތިލާ އަޑާއި ސަމުސާތައް ތެޅޭ އަޑު ކޮޓަރިއާއި ހަމަޔަށްވެސް އިވޭނެކަން ނޭގެއެވެ.މިކާލްގެ ނަން ޖެހިމަގު ދޮވެފައި ބަހައްޓަން އުޅެނިކޮށް އަތުން ދޫވިއެވެ.ޝޮކެއްގައި ހުއްޓާ ތަޅުންމަތީ ޖެހި ތެޅުނެވެ.ހަޔާތީގެ ހިތަށް ނުބައި އަސަރުތަކެއްކުރިއެވެ.މުސްކުޅިން ކިޔާ އުޅޭކަހަލަ"ބަވަތި"އެއް ހެއްޔެވެ؟ މީހަކު ވަކިވާންވެއްޖެއްޔާ ކިރުތަށްޓެއްނަމަވެސް ތެޅެއޭ ކިޔާ ހަދާނެއްވިއެވެ.ގުދުވެފައި އެމަގުގެ އެތިކޮޅުތައް ނެގިއިރަށް ރުޅި ފިނިވެ ލޯ ފުރުނީ ހޫނު ކަރުނައިންނެވެ.ރޮވެން ފެށުނުގޮތަށް ހުއްޓައެއް ނުލެވުނެވެ.

ހަމަ ރަގަޅަށްވެސް މިކާލް އޭނައާއި ވަކިވެގެން ދަނީހެއްޔެވެ؟ އެރަށަށް ގޮސްފަ އެކަކުވެސް އަނބުރާއައިކަމެއް އޭނައަކަށް ނޭގެއެވެ.އަޔަސް ލާނީ ޖަލަށް ނޫންހެއްޔެވެ؟ މަގު ހިފައިގެން ސޯފާގައި އިށީދެ އޭނަ ސުޕަގުލޫޖަހައިގެން މަގުގެ އެތިކޮޅުތައް ތަތްކޮށްލިއިރުވެސް ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ.ވަރަށް ވަރުން އޭނަ އެ މަގު ތަތްކުރިނަމަވެސް ރެދު އެޅިއްޖެއެވެ.ހަމަ އެގޮތަށް ހަޔާތީގެ ހިތުގައި އެޅުނު ކޫރުމެއް ނުފިލިއެވެ.ފަރުވާކުޑަކަމުން މަގު ތަޅައިލެވުނީތީ އެތައްފަހަރު އަމިއްލަ ނަފުސް ކުށްވެރިކޮށްފިއެވެ.

"ރުޅިއައީމަ މަގު ތަޅާލީތަ؟ ނުދަންނަން ތިހާ ރުޅިގަދަ ކުއްޖެއްކަމަށް...."މިކާލްގެ އަޑުއިވިފައި ހަޔާތީ އިސްއުފުލައިލިއިރު ދާދި ކައިރީގައި މިކާލް ހުއްޓެވެ.ކަޅުފެހި ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު އިސްތަށިގަނޑު ތެތްކޮށް އޮތުމުން ތާޒާކަމުން މޫނު ވަކިން ނަލައެވެ.މޫނު ކޮންމެވެސް ވަރަކަށް ރަތްކުލަ އަރާފައި ހުރީ ކީއްވެކަމެއް ނޭގެއެވެ.ދުވާ މީރުވަހުން ބައްދާލާ ހިތްވިނަމަވެސް ހަޔާތީ ދައްކަން ބޭނުންވީ ރުޅިއެވެ.އެހެންވެ މަގު އެއްފަރާތަކަށް އެއްލާލަފައި ތެދުވެއްޖެއެވެ.

"މިކާ އެކަހަލަ ވާހަކަ ދެއްކީމަ ރުޅިނާންނަން ހުއްޓަސް ރުޅި އަންނާނެ.މިކާއަކަށް ނޭގޭތަ ތިދާން އުޅެނީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލްކޮށްފައި އޮތް އައި އެސް މީހުން އުޅޭ ސީރިޔާއަށް ކަން؟ އެއްވެސް މީހަކު ބޭނުމެއްނުވާނެ ތިމާގެ ފިރިމީހާ އެތަނަށް ފޮނުވަން.އާދުވެސް ސަމާއަށް އޮޅުވާލައިގެން އެތަނަށް ގެންދިޔައީ.ދެންވެސް ކަމާ ބެހޭ ފަރާތްތަކަށް އަންގަންވީމަ މިކާ ތިއުޅެނީ އަމިއްލައަށް ގޮތްނޭގޭ މާ ސިންގާ ކަނޑަކަށް ފުންމާލަންތަ؟ މިކާއަކަށް ނޭގޭ ތިކުރަން އުޅެނީ ކިހާވަރެއްގެ ކަމެއްކަން.ވަޓް އެބައުޓް މޮމް؟ ސަމާ އެތަނަށް ދިޔައީމަ އެހާ ދެރަވެފަ ހުއްޓާ އެންމެ ލޯބިވާ ދަރި ހިގައްޖެއްޔާ މަންމައަށް ވާނެގޮތް މިކާ ވިސްނާލަބަލަ.........ޕްލީޒް ސްޓޮޕް ދިސް.ސީރިޔަސްލީ އިޓްސް އެ ސްޓުޕިޑް ތިންކިން.ރުޅިއަންނަންވީމަ ރުޅި އައީ.ދެން މިކާ ލެކްޗަރު ދިނަސް އެހެން މީހުން ނުލާހިކު ދެކޮޅު.އެހެން އެއްވެސް އިލްމުވެރިޔެއެއް އެއްބަސްނުވޭ އެމީހުންގެ އެ ފިކުރަށް.ދީނީ ޝޭޚުން އެތާ އޮތީ ޖިހާދު ނޫންކަމަށް ބުނާއިރު އާއިދުމެން އަމިއްލަ ނިންމުންތަން ނިންމައިގެން އެކަހަލަ ޑިޒިޝަނެއް ނަގާކަށް ނުޖެހޭކަން ނޭގޭ.އަދި މިކާވެސް އެމީހުން ފަހަތުން އެތަނަށް ވަކި ދާންވީ ކީއްކުރަން.........."ހަޔާތީ ރުޅިއާއި ހިތާމަ އެކުލެވޭގޮތަކަށް ވާހަކަދެއްކިއިރު މިކާލް އަޑުއަހަން ހުރީ ހިމޭނުންނެވެ.އެލޮލުގައިވި ކުލަވަރު ތަރުޖަމާކުރާކަށް ހަޔާތީއަކަށް ނޭގުނެވެ.ދެރަވިޔަސް ރުޅި އަޔަސް މޮޔަވިޔަސް މިކާލްގެ ލޮލުން ގިނަފަހަރު އެކައްޗެއްވެސް ނޭގޭނެއެވެ.

މަންމަ ކޮޓަރިން ނުކުތްތަން ފެނިފާ މިކާލް ލޮލުގެ އިޝާރާތުން އެންގީ އެވާހަކަ ހުއްޓާލުމަށެވެ.

ހަޔާތީ ސޯފާމައްޗަށް އެއްލާލާފައި އޮތް މަގު ގެންގޮސް ސިންކުމަތީ ބަހައްޓާފައި ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.ތަންކޮޅެއް އަތަށް ބާރު ލެވުނީކަން ނޭގެއެވެ.ދޮރުފަތް ޖެހި އަޑު ހިމޭން ސިޓިންރޫމް ގުޑުވާލައިފިއެވެ.އަޑުގަދަކަމުން އޭނަވެސް ސިހޭގޮތްވިއެވެ.

"މިކާ......ކީއްވެ އަހަންނަށް މިހެން ހަދަނީ؟ ކިހާ ހަމަޖެހިގެން އުފަލުގައި އުޅެނިކޮށް މިކަހަލަ މޮޔަ ކަމެއް މިކާ ކުރަން ތިވިސްނީ.ޕާސްޕޯޓްވެސް ފޮރުވާނީ.ޓިކެޓް ގަނޑުވެސް ވީދާލާނަން........"ހަޔާތީ އަލަމާރި ހުޅުވާލައިގެން ހާވަންފެށިއެވެ.އެކަހަލަ އެއްޗެއް އަތުޖެހޭ ހިސާބަކު ނުވެސް ބާއްވާނެއެވެ.އޮފީސްބައިގަ ކަންނޭގެއެވެ.މިރޭ ނިދީމަ އޮފީސްބަޔަށް ވަގަށް ވަދެނަމަވެސް އޭނަ މިކާލްގެ ޕާސްޕޯޓާއި އެއްޗެހި ނަގާނީއެވެ.އޭނަ މިކާލް ހިފަހައްޓާނެއެވެ.އެގޮތަށް ނުވިއްޔާ ފުލުހުންނަށް ގުޅައިގެން ހުއްޓުވާނީއެވެ.ޖަލަށް ލިޔަސް އެތަނަށްގޮސް މަރުވުމަށްވުރެ މާ ރަގަޅުވާނެ ނޫންހެއްޔޭ ހިތަށްއެރިއެވެ.މިކާލްދެކެ ލޯބިވާތީއެވެ.ގެއްލުމެއްވާން އެންމެ ނޭދޭނެ މީހަކީ އޭނައެވެ.ދޮރުމައްޗަށް އަރާފައި ބަލައިލިއިރު މިކާލް ފެންނާކަށް ނެތެވެ.މިއޮތް ވިއްސާރައިގާ ނުކުމެގެން އެދިޔައީ ކޮންތާކަށްހެއްޔެވެ؟

އޮފީސްބައި ތަޅުލާފައި ހުރުމުގެ އިތުރަށް މަންމަ ނޫނީ ބައްޕަ ސިޓިންރޫމްގައި ނެތް އިރެއް ނާދެއެވެ.އޭނަގެ ނިޔަތް އެނގިގެން ދެމީހުން ބަހާލައިގެން ސިކިއުރިޓީގައި ތިބީބާވައޭވެސް ހިތަށް އެރިއެވެ.ކުޑަދޮރުން ބޭރަށް ބަލައިލިއިރުވެސް ވާރޭ ބޯކަމުން ތަންދޮރު އެނގޭވަރެއްނޫނެވެ.ވައިބާރުކަމުން އެތަންމިތަނުގައި ގޮފިތަކާއި އެއްޗެހި ކޭއްތޭ އަޑު ފަޒާގައި ދޭތެރެއަކުން ހަރުލައެވެ.ދޮރުތަކުގައި ދަމާފައި ހުރި ފަރުދާތައްވެސް ކިޔަމަންނުވެ އެކިފަރާތްފަރާތަށް ހޫރެއެވެ.ހަޔާތީ މިކާލްއަށް ގުޅިއެވެ.ފޯނު ނިވާލާފައެވެ.ފޯނު ނިއްވާލައިގެން އޭނަ ދިޔައީ އަނެއްކާ ފުރަންބާވައެވެ.އެހެން ހިތަށް އެރުމާއިއެކު މުޅި ވުޖޫދުވެސް އެލާޓަށް އައިފަދައެވެ.މިކާލް އެކުވެރިއަކާއި އެކު ހުރުމަކީ އެކަށީގެންވާކަމެކެވެ.އޭނަ ފުލުހުންނަށް ގުޅައިގެން އުޅެނިކޮށް މިކާލް ގެއަށް އަތުވެއްޖެއްޔާ ދުވަހަކު އޭނައަށް މާފެއްނުދޭނެއެވެ.އެތައްފަހަރު ގުޅިފަހުން މިކާލް ފޯނު ނެގިއެވެ.

"މަފިންސް.ކައިގެން ނިދާލާ.އައިމް އައުޓް ވިތް ފްރެންޑްސް.ވަރަށް ލޯބިވޭ. "މިކާލް ސަލާމުން ފޯނު ނިންމާލުމުން އިރުކޮޅެއްވާންދެން ފޯނަށް ގަބޫލުނުވެފައި އިންގޮތަކަށް ބަލަން އިނެވެ.ދެން ހެވިއްޖެއެވެ.

"މިކާ ހަމަ ހާޓްއެޓޭކެއް ޖައްސައިފި.ކުރިންވެސް މިކާގަނޑު ފޯނު ނެގިނަމަ މިވަރަށް ނުތަޅުވާ.މަގޭ ހިތް ހަމަ ރޭހެއް ޖަހާލާފައި...."

މާބޮޑަށް ފިނިގަދަވީމަ ކަން ނޭގެއެވެ.އޭނަ މިރޭ ކާހިތްވީ ހޫނު ރޮށްޓާއި ކުޅިކޮށް ތެލުލާފައި ހުރި ރިހާކުރެވެ.ކަބަޑްމަތީ ހުރި ރިހާކުރު ފުޅިން ކާ އެހެން މީހަކު އެގޭގައި ނެތެވެ.މިކާލް ބުނާނީ ރިހާކުރަށް އެލާޖިކް ކަމަށެވެ.މިވަގުތު މަންމަމެން އިޝާނަމާދަށް ވަނީކަން ނޭގެއެވެ.ސިޓިން ރޫމް އޮތީ ފަޅަށެވެ.ތަށްޓަކަށް ރިހާކުރު ދެތިން ސަމުސާ ލާފައި ގިތެޔޮ މިރުހެއް ޗަސްކޮށްލިއެވެ.ދެތިން ރޮށި ލިއެވެ.ކަޅު ސައިތަށްޓެއް ހަދައިގެން ގޮސް ހަމަޖެހިލައިގެން އޭނަ ޖައްސައިލީ ސޯފާއެއްގައެވެ.ޗޫސްދަމަ ދަމާ އިނދެ ރޮށިތައް ކައި ނިންމައިލިއިރު ތުންފަތް ރަތްކަމުން މިރުހެއް ވަރުވިއެވެ.

ޗެނެލްތައް ހުޅުވަމުން ދަނިކޮށް ހިތްހަމަޖެހޭ ކަހަލަ ފިލްމެއް ދައްކާ ޗެނެލްއަކާއި ދިމާވިއެވެ.ލޯބީގެ މަންޒަރެއް ފެނުމުން އެކަނި އިދެވެސް ރަކިވެގެން ހީލެވެއެވެ.މިކާލް އިންނަމަ މިކަހަލަ އެއްޗެއް ބަލާކަށް ނުވެސް ކެރޭނެއެވެ.އިރުއިރުކޮޅާ މިކާލް ނައިސްގެން ގަޑިއަށް ބަލައިލެވެއެވެ.ވަރުބަލިވެ ދެލޯ މެރޭގޮތްވުމުން ސޯފާގައި ހަމަޖެހިލައިގެން އޮށޯވެއޮތްވާ ނިދީގެ ފޮނި އާލަމަށް ދަތުރުކުރިއެވެ.ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ.ދެލޯ ހުޅުވާލިއިރު މިކާލްވެސް ގެއަށް ވަނީއެވެ.ތެމިފޯވެގެން ހުރެއެވެ.ތަށިމުށިމައްޗަށް ފެން ތިކިތަޅާތަން ފެނުނެވެ.

"އާ ޔޫ އޯކޭ؟"ހަޔާތީ އަހައިލިއެވެ.

"ހޫމް...ރުޅިފިނިވީތަ މެޗްސްޓިކްގާލް.އަހަރެން ހީކުރީ އަނގައިން ނުބުނާނެކަމަށް.އެބަ އަންނަން......"މިކާލް އަވަސް އަރުވާލައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.ހަޔާތީ ނިދިބަރުކައިގެންފާ ހުރެ ދެފައި ދަމަމުންގޮސް އެތެރެއަށް ވަންއިރު މިކާލް ފާޚާނާގައެވެ.ފަނަރަވަރަކަށް މިނިޓްފަހުން ފެނުނީ ތެމިފައިވާ ހެދުންތައް ހިފައިގެން ނުކުތްތަނެވެ.

"މިކާ ދެން މިގަޑީގައި ހަމަ ދޮންނަން ތިއުޅެނީ؟"ހަޔާތީ ދެލޯ ކުޑަކޮށްލިއެވެ.އޭނަ ހަމަޖެހިލައިގެން މިކާލްއާއި ވާހަކަ ދައްކަން ބޭނުމެވެ.ސީރިޔަސްކޮށެވެ.މިކާލް ވަކި ޖަވާބެއްނުދީ ބޭރަށް ނުކުތީ މެޝިނަށް ހެދުންތައް ލާންކަން ނޭގެއެވެ.ވާރޭއަށް ނުކުތުމުން ގަދަޔަށް ރޯގާޖެހުނީކަން ނޭގެއެވެ.ކިނބިހިއަޅަންފެށިއެވެ.އެނދުމަތީގައި ލެޕް ހިފައިގެން އިށީނުމުން ހަޔާތީ ކޮފީއެއް ގެނެސްދިނުމުން ހީލިއެވެ.

"އަހަރެންގެ ލޯބިކޮޅު ކިހާ ރަގަޅު.މަށަށް ލިބިފައިވާ ކަހަލަ ވައިފްއެއް އެހެން މީހަކަށް ނުލިބޭނެ.ތެންކިއު ލޯބި ލޯބި ޕްރިންސެސް ހަޔާތީ..."މިކާލް އަރިވެލާފައި ހަޔާތީގެ ކޮލަށް ދޮނެއްދޭން އުޅެނުކޮށް ހަޔާތީ އެނބުރުނެވެ.ހަޔާތީއަށް ދެލޯ މަރައިލެވުނީ ދައުވަތުދޭފަދަ ގޮތަކަށެވެ.އެކަމަކު މިކާލް ފޯރި ހުރީ އެހެންކަމަކަށެވެ.މާވަރަކަށް ހިނިތުންވެލާފައި ކުރި ކަމެއް ބަލައިލިއިރު އެފްބީގައި ލިޔެފައި އިނީ އެހެން ކަހަލަ އިހުސާސެއްކުރުވި ސްޓޭޓަސް އެކެވެ.ދިވެހި ބަހުން ލިޔެފައެވެ.

"މިރޭ އުފަލުން ނުނިދިފާ..."

އެކުވެރިއަކު ކިހިނެއްވީހެއްޔޭ ކިޔާ ސުވާލުކުރުމުން މިކާލް ބުނީ ބުނެދޭންވެސް ނޭގޭހާ އުފާވެރިކަން އިހުސާސްކުރެވިއްޖެ ކަމަށާއި މިރޭ އާސްމާނުގައި އުދުހެވޭހެން ހީވާކަމުގައެވެ.ހަޔާތީ ހައިރާންވެ ހިތްހަމަނުޖެހޭގޮތްވިއެވެ.މިކާލްއަށް މިހާވަރުގެ އުފަލެއް ލިބިގެން އުޅޭއިރު އެކަމުގެ ސަބަބެއް އޭނައަށް ނޭގިގެން އުޅެނީ ކީއްވެހެއްޔެވެ؟

"މިކާ.ކޮންކަމަކާއި އުފަލުން ނުނިދިފާ.އަސްލުވެސް އުފާވެފައިކަން އެބައެނގޭ މޫނަށް ބަލައިލީމަ.ދެލޯ ވެސް ދިއްލިފަ.ސްޕާކްލިން ލައިކް ޖްވެލްސް.ވެޑިން ރޭވެސް މިކާ މިހާ އުފަލުންނެއް ނެތް އެހެންވެ މަ ހަމަ ޖޭ ވެސް ވެއްޖެ.ކޮންކަމެއް މިކާ.ކޮންކަމެއް ކުރެވިގެން ތިހާ އުފާކުރަނީ.............."ހަޔާތީ ލެޕް އަތުލަން އުޅުމުން ލައްޕާލާފައި ކޮފީތަށިން އެތިފޮދެއް ބޯލިއެވެ.ކަތިކޮށް ބަލައިލިއެވެ.އޭރު ވާރޭ ކޮންމެވެސް ވަރަކަށް ތުނިކޮށްލިނަމަވެސް މުޅި ކޮޓަރިތެރެވެސް ފިނި ހިފާލާފައިވިއެވެ.މިއިން ދުވަހަކު ނުވާހާ ފިނިގަދައެވެ.

"ޕްރޮޖެކްޓެއް ނިންމާލެވުނީމަ...."

"ވައިފް ވީމަ ތި ޕްރޮޖެކްޓް އެނގުމުގެ ހައްގު އަހަންނަށް އޮންނަން ޖެހޭނެއްނު.ކޮންކަމެއް ނިންމީ؟ އެމެރިކާގެ ނޫކްތައް ވައްޓާލާނެ މިސައިލްއެއް އީޖާދުކުރީތަ؟ ނޫނީ ކެންސަރަށް ޓްރީޓްމެންޓެއް ހޯދީތަ؟ އުފަލުން ނުނިދޭހާ މޮޅުކަމެއް ކޮށްލެވުނީމަ ބުނަންވާނެ މިކާ....."ހަޔާތީ ހެޑްބޯޑަށް ލެނގިލައިގެން ކުޝަން އުނގުމަތީ ބާއްވައިގެން އިނދެ ހަށަން ބަދެލިއެވެ.ފައިތިލައިގެ އިނގިލިތައް ހަލުވާވަރުން އޭނަ ހިތްހަމަނުޖެހިފައި އިންވަރު މިކާލް ދެނެގަތެވެ.

"އަދި ނުބުނެވިފަ ނެތެއްނު.ބުނާނަމޭ......ހެހެ.."މިކާލްއަށް މަޖާވިއެވެ.

"ވައި އާ ޔޫ ކީޕިން ސިކްރެޓްސް ފްރޮމް މީ؟ މެރީކުރުމުގެ ކުރިންވެސް ޔޫ ހޭޑް ދެޓް މިސްޓީރިއަސް ސައިޑް އިން ޔޫ.މިހާރު މެރީކުރީމަވެސް ހަމަ ސޭމް.ލެޓް މީ އިން..."ހަޔާތީ މިކާލްގެ އަތުގައި ހިފަހައްޓައިލުމުން މިކާލް ހިނިތުންވެލިއެވެ.

"ހަޔާ ބޭބީ ބައެއް ކަންތައް ނޭގުމުން ހިތަށް މާ ފަސޭހަވާނެ.އެންމެ ރަގަޅުވާނީ އަހަރެން ކުރާ މަސައްކަތާއި ޕްރޮޖެކްޓްތަކުގެ ވާހަކަތައް ބޭބީއަށް ނޭގުނީމަ.އެކަމަކު ލައިކް އައި ސެޑް އަދި ބުނާނަން.ކުޑަދުވަސްކޮޅަކަށް އިންތިޒާރުކޮށްލާ.ދެން ނިދާލާ.....ވަރަށް ދަންވެއްޖެ.ހެދުނު އޮފީހަށް ދާން ޖެހޭނެ...."މިކާލް ބުނެލިއެވެ.

"ޕްލީޒް.ވަރަށް ކިއުރިއަސް ވެފައި މިހިރީ.ތިކަމެއް ނޭގި ނުވެސް ނިދޭނެ.ބުނެބަލަ ޕްލީޒް......."ހަޔާތީ އާދޭސްކުރިއެވެ.އެހާވަރަށް އެދުނީމަވެސް މިކާލް އޭނަގެ ކައިރީ އެ ޕްރޮޖްކެޓްގެ ވާހަކަ ނުބުނުމުން ދެރަވެ ރުޅި އަންނަގޮތްވިއެވެ.އެހާ ބޮޑަށް އެނގެން ބޭނުންވެފައި ހުއްޓާ ސިއްރުކުރުމުން ހިތަށް ވީ އުދަގޫތައް ބަޔާންކުރަން ދަތްޗެވެ.އެންމެފަހުން ރުޅިހަދާލާފައި ބާރަށްގޮސް ފާޚާނާއަށްވަދެ ދޮރު ލައްޕައިލިއެވެ.އެތައް އިރެއްފަހުން ނުކުމެގެން އައިއިރު ކޮޓަރީގައި އޮތް ނިދާބޮކީގެ އަލި ފަނޑުކަމުން ކިރިޔާ ތަންތަން ހެކަ ލާކަމެވެ.ރަޖާދަށަށް ވަދެފައިވެސް މިރޭ ލޮލަށް ނިންޖެއް ނައެވެ.ކުރިން ގަދަޔަށް ނިދާލެވުނީމަ ނިދި ހާލިވީއެވެ.ބަންޑުން އޮވެ ދެފައި ތަޅަ ތަޅާ އޮތްވާ އެކަން ހުއްޓުވަމް މިކާލް ފައިގާ ހިފެހެއްޓުމުން ހިމޭންވިއެވެ.އޭނަ މިކާލްއާއި ރުޅިއެވެ.މިކާލްގެ ސިއްރުވެރިކަމަކީ އޭނައަށް އިތުބާރުނުކުރުން ނޫން ކޮންކަމެއްހެއްޔެވެ؟ ލޯބީގެ ގުޅުން ދެމިއޮންނާނީ އިތުބާރުގެ މައްޗަށެވެ.މިކާލް އޭނައަށް އިތުބާރުނުކުރަންޏާ އޭނަވެސް ދެރަވާނެކަން ނޭގެނީހެއްޔެވެ.ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެފާ ފޯނު އެލާމްކުރަން އެނދުމަތީ އަތްހާކާލިއެވެ.ދެން ހަނދާންވީ ސޯފާމަތީ ފޯނު އޮތްވާ ރިންގްވާން ފެށުމުން ސައިލެންޓަށް ލާފައި އައި ހަދާނެވެ.ކަންނެތްކަމުން ފޯނު ބަލައިދާނެ ހިތްވަރެއް ނުލިބުނެވެ.އެހެން އޮވެފައި މިކާލްގެ ހިލަމެއް ނުވުމުން ބަލައިލިއިރު ފެނުނީ ފާޚާނައިން ނުކުތްތަނެވެ.ދަމުނަމާދަށް އަރާން މުސައްލާ ނެގިއެވެ.ސުންނަތް ނަމާދުކުރާވަރަށް ކީއްކުރަން ފަރުޟުނަމާދަށްވެސް ހަޔާތީއަށް އެހާ ފަރުވާ ބެހެއްޓެނީއެއް ނޫނެވެ.ގިނަފަހަރު މެންދުރާއި އަސުރު ކުރެވޭނީ އެކީގައެވެ.އިޝާ ނަމާދަށް ބަންގިދޭން ފަސްމިނިޓަށްވީމަ ތެޅިފޮޅިގެން މަޣުރިބަށް އެރެނީއެވެ.އޭނަ އެކަންޏެއް ނޫނެވެ.ދަންނަ ގިނަކުދިން ބުނަނީ އެގޮތަށް ނަމާދުކުރާ ވާހަކައެވެ.ވަޒީފާގައި އަވަދިނެތި އުޅެން ޖެހުމުން ނަމާދަށް ވަގުތު ނުވާ ވާހަކައެވެ.އެހެން ކަންތަކަށްވުރެ ފަސްކުރެވެނީ ނަމާދެވެ.މިކާލް އެތައް އިރެއްވާންދެން ސަޖިދައިގާ އޮތުމުން ހަޔާތީ ހައިރާންވިއެވެ.ނިދީގައި މިކާލްއަށް ނިދުނީކަމަށްވެދާނެއެވެ.އެހެންނޫނީ އެހާ ގިނައިރުވާންދެން އެއްވެސް މީހަކު ސަޖިދައިގާ އޮވޭހެއްޔެވެ؟ ކޮންމެ ރަކުއަތެއްގައި ކިޔަވަނީ އެހާ ދިގު ސޫރަތެކެވެ.މިކާލް ގުރުއާން ދަސްކުރީ ކޮންއިރަކުހެއްޔެވެ؟ އެކި ސުވާލުތައް ސިކުނޑީގައި އުފެދެމުން ދިޔައެވެ.

"މިކާ ހާދަ ދީންވެރިއޭ.ދީންވެރިވެއްޖެއްޔާ ހަމަ އުފާވޭ.ވަރަށް އުފާވާނެ.އެކަމަކު އެކްސްޓްރީމް.އެކްސްޓްރީމިސްޓަކަށް ނުވެއްޖެއްޔާ ރަގަޅު.މިހާރު އެންމެ ބޮޑު ބިރަކީ ހައްދު ފަހަނަޅާ ދިޔުން.މިކާ އެކަހަލަ މީހަކަށް ވެއްޖެއްޔާ ބޯ ގޮވާނެ.ވެސްޓާން ސްޓައިލަށް މިކާ ޑްރެސްކުރަނީ.ފަޓްލޫނުގެ ފައިކުރި ކުރުކޮށްލާފައެއްނެތް.ތުނބުޅި ދިގުކޮށްފައެއް ނެތް.ކަމަކާ ނުލާ މިކާއަށް ޝައްކުކުރާނެކަމެއް ނެތް ކަން ނޭގޭ............."ހަޔާތީ އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ.އާއިދުއާއި ސަމާގެ ހަނދާންތައް އާވިއެވެ.މިކާލްވެސް އެމީހުންގެ ބަހަށް ހެއްލި އެމަގުން ދަތުރުކުރަން ފަށައިފިއްޔާ އެ ގޯސްވީއެވެ.މިކާލް ގޯސް މަގެއް ޚިޔާރުނުކުރަން އެދި އޭނަ ދުޢާކުރާނެއެވެ.ހިތަށް ވިސްނައިދީ ހިތްހަމަޖައްސާލުމާއެކު ހަޔާތީއަށް ނިދީގެ ނަސީބު ލިބި ދިގު ބޯ އެސްފިޔަތައް މެރިއްޖެއެވެ.

ހެނދުނު ހޭލައިގެން ހަޔާތީ ކާބަޔަށް ވަދެ ނާސްތާ ތައްޔާރުކޮށްލާފައި ފެންވަރާ ތައްޔާރުވެލިއިރު މިކާލް އޮތީ ނުތެދުވެއެވެ.ފަތިސްނަމާދުކޮށްގެން ނިދާފައި ތެދުވާނީ ތަންކޮޅެއް ލަހުންނެވެ.ހަޔާތީ ފިޔާތޮށިކުލައިގެ ގަޔަށް ހިފާފައިވާ ޓޮޕްކޮޅަކާއި ސްކިނީއެއްލުމަށްފަހު ކަޅުކުލައިގެ ތަންކޮޅެއް ދިގު ޖެކެޓެއްލިއެވެ.މިހެދުން ލާތީ މުފުތިހާ އެތައްފަހަރު ބަދަލުކުރާން އަންގައިފިއެވެ.މިކާލްވެސް ބުނާނީ އެންމެ ރީތީ އަންހެންކުދިން ކަޅުހެދުންލީމަ ކަމަށެވެ.އެންމެންގެ ޚިޔާލު އެއްގޮތެއް ނުވާނެއެވެ.ކަޅުހެދުން ލާ އާއިލާއަކަށްވީމަ އެމީހުންގެ ފިކުރު ހުންނާނީ އެގޮތަށް ނޫންހެއްޔެވެ؟ ހަޔާތީ މޫނުގައި މޮއިސްޗަރައިޒާއެއް އުގުޅާލުމުން މޫނު ފަށުވިކޮޅެއްހާ އޮމާނެވެ.ލޯ ފަވައިލީ އަނދުނުންނެވެ.ލޮލުގެ ކަޅުކަމާއި ރީތިކަމުން ދުރަށްވެސް ފާހަގަވާނެއެވެ.ތުންފަތުގައި ހުރި ފިޔާތޮށިކުލަ އިތުރަށް ގަދަކޮށްލަން ލިޕްގްލޮސް އެއް ޖައްސާލުމަށްފަހު ހަޔާތީ ހިތްހަމަޖެހޭވަރުވިއެވެ.

"ޑޭމް ކޮބާ މަގޭފޯނު ގަނޑު.ރޭ ރުޅި ގަދަވާން ހަދައިގެން ފޯނުވެސް ދުރުކޮށްލެވުނީ....."ހަޔާތީ ސެންޓްފުޅިނެގިއެވެ.ކަނދުރާއަށް ކުޑަކޮށް ސެންޓް ޖަހާލާފައި އަޅި ސްކާފަކުން އިސްތަށިގަނޑު ނިވާކޮށްލައިފިއެވެ.މިކާލް މިއަދު މާލަހުން ހޭލާ ދުވަހެކެވެ.ގޮވީމަ ހޭނުލައިގެން އައިސްކިއުބްތަކެއް ގެނެސް މޫނަށް އެޅުމާއިއެކު މިކާލް ސިހޭގޮތްވެފައި ލޯ ހުޅުވައިލިއެވެ.އަދި އުދަގޫގޮތަކަށް އަނެއްފަރާތަށް އެނބުރުނެވެ.

"ވަޓް ހެޕެންޑް މިކާ...."ހަޔާތީ ގޮސް އަތްލިއިރު އަލިފާންކޮޅެއްފަދައެވެ.ހުމާއި ފިހެނީއެވެ.އެހާލުގައި އޮތްވާ ގަނޑުފެން އެޅުމުން ހާދަ އުދަގޫވާނެއެވެ.ހަޔާތީ ކަންބޮޑުވެ އަނގަމަތީ އަތްއެޅިއެވެ."ސޮރީ ސޮރީ މިލިއަން ޓައިމްސް ސޮރީ.ކިހިނެއްއެނގެނީ މިކާ ނުބުނަންޏާ.ޔޫ އާ ބާނިން އަޕް ވިތް ފީވާ.ބޭބީގަނޑަށް ކިހިނެއްވީ.ބޮޑުކަމަކަށް ނުވިއްޔާ ރަގަޅު.ވައިރަލް ފީވާއަކަށް ކަން ނޭގޭ ވާނީ.........."

ހަޔާތީ އެނދުމަތީ ހުރިގަނޑުފެންތައް ނަގައިގެންގޮސް ސިންކު ތެރެއަށް އުކާލިއެވެ.އަދި ރުމާކޮޅެއް ތެންމާލައިގެން ގެނެސް ނިތްކުރީގައި އަޅާލަދިނެވެ. "ޕެރެސެޓަމޯލްއެއް ކާލީމަ ހުން ފިނިވާނީ.ޖޫސް ގެނެސްދޭނަން މިކާއަށްވެސް އެނގެއެއްނު ކުރީ ރޭވެސް ވާރެއާއި ތެމިގެން އައީމަ ރޯގާޖެހުނުގޮތަށް ރަގަޅުނުވެ ހުއްޓާ ތެމުނީމަ މިހެންކަން ވާނީ.ޔޫ އާ ނޮޓް އެ ޗައިލްޑް އެކަމަކު މިކާ އެއްވެސް ވަރަކަށް އަމިއްލަ ނަފުސަށް އަޅައެއްނުލާ......"

ހަޔާތީ ދެރަވަފައި ހުރެ ގޮސް ސިންކު ކައިރީ ހުރެ އޮރެންޖެއް ނަގައިގެން ޖޫސްތަށްޓެއް ހަދަން ފެށިއެވެ.

"މިކާ އަމިއްލަ ނަފުސަށް އަޅާނުލާކަމުގެ ހެއްކަކީ ސީރިޔާއަށް ދާން އުޅުން.ނުދެވެންވެގެން ހުން އައީ.މިހާރު އެއްޗެއް ވިސްނޭނެ.އެ އާއިދުގެ ސަބަބުން މިކާވެސް ކިރިޔާ ނުގެއްލި މިހިރީ.އަހަރެން ނެތްނަމަ މިކާ ހަމަ މޮޔަކަމެއް ކޮށްފައި ހުއްޓާލާނީ.ސަމާ ޅަކަމުން ފިރިމީހާގެ ބަހަށް ހެއްލި ދިޔަސް އަހަރެން މިކާ ދެވުނަކަނުދޭނަން..........."ޖޫސްތަށި މޭޒުމަތީ ބަހައްޓާފައި ތަބައް ނަގަން އުޅެނުކޮށް ސޯފާމަތީ އޮތް ފޯނު ފެނިގެން ސަޖަލްއަށް ގުޅަން ނިންމިއެވެ.މިކާލް ބަލިވެ އުޅެނިކޮށް އޮފީހަށް ދާކަށް ނުކެރޭނެއެވެ.ސަލާމް ބުނާނީއެވެ.ފޯނަށް ބަލާފައި ސިހިގެން ދިޔައީ ފަންސާހަކަށް މިސްކޯލު ހުރިތަން ފެނިފައެވެ.ވައިބާ މެސެޖްތައް ކިޔާލުމުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.އަތުން ފޯނު ދޫވެގެންގޮސް ރަގްމަތީ ޖެހުނެވެ.

"އޯ އެމް ޖީ......."

(ނުނިމޭ...)