23 Nov 2018, 10:14
މީ ޕްރޮޑަކްޝަނުން ތައްޔާރުރާ، ކުރިޔަށް އަންނަން އޮތް ފިލްމު "ކާކު؟"ގެ އެޑިޓިން ފެށިގެން ކުރިޔަށްދާ ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ.
"ސަން" އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޕްރޮޑިއުސަރު، ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މައެނބޫ) ބުނީ، މިވަގުތު ފިލްމު އޮތީ ޕޯސްޓު ޕްރޮޑަކްޝަންގެ ތެރޭގައި ކަމަށާއި އެޑިޓިންގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.
އެ ފިލްމު އެޑިޓް ވެސް ކުރަނީ މާއެނބޫ އެވެ.

"ކާކު؟"ގެ ޕޯސްޓަރެއް...
"އެޑިޓިން ވަރަށް ފުރިހަމަކޮށް އެބަ ކުރިޔަށްދޭ، ފިލްމަކީ ބައިވަރު އިފެކްޓްތަކެއް ދައްކަދޭން ޖެހޭ ފިލްމަކަށް ވާތީ އިފެކްޓްތަކަށް ކުޅަދާނަ ފަރާތެއް ހަމަޖައްސައިގެން އެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން،" މާއެނބޫ ބުންޏެވެ.
ފިލްމުގެ ޝޫޓިން ވަނީ އެއްކޮށް ނިންމާލައިފަ އެވެ. "ކާކު؟"ގެ ހުރިހާ މަންޒަރެއް ނެގީ ހދ. ކުޅުދުއްފުށީގަ އެވެ. އެ ފިލްމުން ކުޅުދުއްފުށީ ބައެއް މީހުން ވެސް ފެންނާނެ އެވެ.
ޝެޑިއުލާ އެއްގޮތަށް ފަނަރަ ދުވަހުގެ ތެރޭގައި ޝޫޓްކޮށް ނިންމާފައިވާ "ކާކު؟" އަކީ ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

"ކާކު؟"ގެ ޕޯސްޓަރެއް...
އެ ފިލްމުގައި ފެންނަ މައިގަނޑު ފަސް ތަރިން ވެސް ކުޅެފައި ވަނީ ލީޑު ރޯލެވެ. މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ހާމިދު އަލީ، އިބްރާހީމް ސޮބާހް، ޝާފިއު މުހައްމަދު، އިރްފާނާ އިބްރާހީމް އަދި އައިޝަތު ޔާސިރާއެވެ.
"ކާކު؟" އަކީ އަންނަ އަހަރު ސިނަމާތަކަށް ގެންނަން މަސައްކަތް ކުރަމުންދާ ފިލްމެކެވެ.