28 Sep 2011, 11:58
ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބެޔާންމިއުނިކް އަތުން 2-0 ލަނޑުން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ ބަލިވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުމަށް ކާލޮސް ޓެވޭޒް ދެކޮޅު ހަދާފައިވާ ކަމަށް އެ ކުލަބުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
"ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރުމަށް ޓެވޭޒް ދެކޮޅުހެދި. އަހަރެން މިކަމާއި މެދު މިހިރީ ހިތްހަމަ ނުޖެހިފައި. ބެޔާން މިއުނިކް، އޭސީ މިލާން ނޫނީ މެންޗެސްޓާ ޔުނައިޓެޑްގައި މިކަހަލަ ކަމެއް ހިނގާތަ؟ އަހަރެންނަކީ ކޯޗު. އަހަރެން ހުރިހާ ކަމެއްވެސް ނިންމާނީ. އަހަރެން އޭނާއަށް ކޮންމެ ވަގުތެއްގައި މިދިޔަ ދެއަހަރު ތެރޭ އެހީތެރިވިން. އޭނާ ކުލަބު ދޫކޮށްލަން ބޭނުންވި. އެކަމަކު އަހަރެން އޭނާ މިސީޒަނުގެ ސްކޮޑަށް ވެސް ނެގިން." މެންސިޓީގެ ކޯޗު މަންޗިނީ ބުންޏެވެ.
ބެޔާން އާއި ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުމަށް ދެކޮޅު ހެދި ޓެވޭޒް އާއި ބެހޭގޮތުން ވާހަކަ ދައްކަމުން މަންޗިނީ ބުނީ، އޭނާ ކުޅެން ނޭރީ ފުރަތަމަ އެގާރައިން ޖާގަ ނުލިބުމުން ކަމަށްވެސް ވެދާނެ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ދެން ޓެވޭޒް މެންޗެސްޓާ ސިޓީއިން ނުފެންނާނެ ކަމަށްވެސް މަންޗިނީ ބުންޏެވެ.
"ވެދާނެ އޭނާ ނޭރީ ފުރަތަމަ އެގާރައިން ޖާގަ ނުދިނުމުން ކަމަށް. އަހަރެންގެ ހުރިހާ ނިންމުމެއް ނިންމާނަމަ، ޓެވޭޒް ކުލަބުން ބޭރު ކުރާނަން. ނަމަވެސް އަހަރެން އެކަންޏެއް ނޫން މިނިންމުން ނިންމަނީކީ. ދެއަހަރު އަހަރެން ޓެވޭޒް އަށް އެހީވުމުން ވެސް މިހާރު އޭނާގެ ފަރާތުން މިފެންނަނީ އަހުލާގީ މައްސަލަތަކެއް،" މަންޗިނީ ބުންޏެވެ.
ޓެވޭޒަކީ 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން މެންޗެސްޓާ ސިޓީއަށް ބަދަލުވި ފޯވާޑެކެވެ. މިދިޔަ ސީޒަނުގައި ޕްރެމިއާ ލީގުގައި މެންސިޓީއިން ތިންވަނާގައި އޮވެ ނިންމާލީ ޓެވޭޒް ގެ ކެޕްޓަން ކަމުގެ ދަށުންނެވެ. ޓެވޭޒް ވަނީ މިދިޔަ ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.