ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މިއަދު އައްޔަނުކުރައްވައިފިއެވެ.

މި ދެ ބޭފުޅުންވެސް ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަނުކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ދެ ބޭފުޅުންވެސް މެމްބަރުކަމުގެ ހުވާ ކުރެއްވި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެބޭފުޅުންނަށްވެސް މަގާމުގެ ލިޔުން ހަވާލުކުރައްވާފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ބަންޑާރަ ނައިބު އައްޔަނުކުރެއްވީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ހ)އާއި (ވ)ގެ ދަށުންނެވެ.

ގާސިމް އިބްރާހިމް މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވީ އެ މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ފުވައްމުލަކު ދެކުނުު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް ސޯލިހު ބަންޑާރަނައިބުގެ ގޮތުގައި އިބްރާހިމް ރިއްފަތު އައްޔަނުކުރެއްވީ 17 ނޮވެމްބަރު 2018 ވަނަ ދުވަހުއެވެ.

މި ދެ ބޭފުޅުންގެ އިތުރުން މިއަދު ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން، އެ ކޮމިޝަނުގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުވެސް ވަނީ ޖޭއެސްސީއަށް އައްޔަނުކުރައްވާފައެވެ.