22 Nov 2018, 18:20
ރައްޔިތުންނަށްޓަކައި ކަންކަން ރަނގަޅުކުރުމަށް މައްސަލަތައް ދެނެގަނެވޭނީ ފާޑުކިޔުންތަކާވެސް ކުރިމަތިލައިގެން ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން މީޑިއާއާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނަހުލާ މިއަދު ވިދާޅުވީ ކޮންމެ ކަމަކާވެސް ބިނާކުރުވަނިވި ފާޑުކިޔުމާއި ފަނާކުރުވަނިވި ފާޑުކިޔުން އަމާޒުވާނެ ކަމަށެވެ.
"ނެގެޓިވް ފާޑުކިޔުންތަކަށް ފޭސްކޮށްގެން ކަންނޭނގެ ރައްޔިތުންނަށްޓަކައި ކަމެއް ރަނގަޅުކުރުމަށް، އަޅުގަނޑުމެންނަށް ހުރި މައްސަލަތައް ދެނެގަނެވޭނީ .އެބޭފުޅުންގެ ވިސްނުމަށް [ނެގެޓިވް ފާޑު ކިޔުމަށް] އަޅުގަނޑު މަރުހަބާ އޭ ދަންނަވާނީ" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން އިބޫ ރައްޔިތުންނަށްޓަކައި ކުރަން ބޭނުންވާ ހުރިހާ ކަމެއް "އާ އުސްމިންތަކަށް" ގެންދިޔުމަށް އެ މިނިސްޓްރީއިން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރު ނަހުލާ ދެއްވިއެވެ.
ނަހުލާ ޓްރާސްޕޯޓް މިނިސްޓްރީ އަށް އައްޔަން ކުރުމުން ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔުން ރައްދުކުރަމުންނެވެ. އެގޮތުން އޭނާއަކީ ޓްރާންސްޕޯޓު އަދި އޭވިއޭޝަން ދާއިރާގެ ތަޖުރިބާ ނެތް ފަރާތެއް ކަމަށް ބުނަމުން ދެއެވެ.
މީގެ އިތުރުން ނަހުލާއަކީ ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހީމުގެ އަނބިކަނބަލުންނަށް ވެފައި، ވިލާ ކުންފުނީގެ ދަށުން ކަނޑުދަތުރުގެ ހިދުމަތާއި ވައިގެ ދަތުރުގެ ހިދުމަތްދޭ ކުންފުނިތައް އޮތުމުން، ނަހުލާ ޓްރާންސްޕޯޓު އަދި އޭވިއޭޝަން މިނިސްޓަރުގެ ގޮތުގައި ހުންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.