ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބެޔާން މިއުނިކާއި، ރެއާލް މެޑްރިޑް ފަސޭހަކަމާއެކު މެޗުތައް ކާމިޔާބު ކުރިއިރު އެފްސީ ބާސެލް އަތުން މެންޗެސްޓާ ޔުނައިޓެޑް ސަލާމަތް ވެއްޖެއެވެ. މީގެ އިތުރުން، ސީއެސްކޭ މޮކްސޯ ގެ މައްޗަށް އިންޓަމިލާނަށް ކުރި ހޯދުނީ ހަނި ގޮތަކަށެވެ.

ބެޔާން މިއުނިކްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި މެން ސިޓީ އަތުން ބެޔާން މޮޅުވީ ފުރަތަމަ ހާފުގައި ގޮމޭޒް ކާމިޔާބު ކޮށްދިން ދެ ލަނޑުންނެވެ. މެންޗެސްޓާ ސިޓީގެ ތަރިންގެ ޓީމަށް ބެޔާންގެ ގޯލަށް މާ ބޮޑެތި ނުރައްކާތެރި ކަމެއް ކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓުގައި މާރިއޯ ގޮމޭޒް ކާމިޔާބުކޮށް، ދެވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން ބެޔާން މިއުނިކް މޮޅުވެގެނެވެ.

ރެއާލް މެޑްރިޑް ގެ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު އަޔެކްސް އެމްސްޓެޑަމް ގެ މައްޗަށް ކުރި ހޯދީ 3-0 ލަނޑުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން އިރި، ދެވަނަ ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކަކާ އެވެ. ރެއާލް މެޑްރިޑުގެ ފަހު ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ އެވެ. މިމެޗު ނިމިގެންދިޔައީ 3-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެންޗެސްޓާ ޔުނައިޓެޑް ބަލިވަމުން ދަނިކޮށް، މެޗުގެ ފަހު މިނެޓުގައި އޭޝްލީ ޔަންގް ވަނީ ލަނޑެއް ޖަހާ އެޓީމު ސަލާމަތް ކޮށްދީފައެވެ. މެންޗެސްޓާ ޔުނައިޓެޑުން ފުރަތަމަ ހާފުގައި ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. ޑެނީ ވެލްބެކް މެން ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން ދެ ލަނޑު ޖެހީ މެޗުގެ 16 އަދި 17 ވަނަ މިނެޓުގައެވެ. މެޗުގެ ދެވަނަ ހާފުގައި އެފްސީ ބާސެލް ވަނީ ފަހަތުން އަރައި ކުރި ހޯދާފައެވެ. މެޗުގެ 58 ވަނަ މިނެޓުގައި ފަބިއަން ފްރޭ ވަނީ ބާސެލް ގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އޭގެ ދެ މިނެޓު ފަހުން އެލެކްސެންޑާ ފްރޭ ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ބާސެލް އިން ލީޑު ހޯދި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން އެލެކްސެންޑާ ފްރޭ އެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި މެން ޔުނައިޓެޑް ސަލާމަތްކޮށް، 3-3 ލަނޑަށް ނަތީޖާ ބަދަލުކޮށްދިނީ އޭޝްލީ ޔަންގް އެވެ.

ނަޕޯލީއިން ވިލަރެއާލް ބަލިކޮށް މެޗު ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. ނަޕޯލީ އިން މެޗުގެ 14 އަދި 17 ވަނަ މިނެޓުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ މާކް ހަމްސިކް އާއި އެޑިންސަން ކަވާނީ އެވެ. ލިޔޯން އިން ޑައިނަލޯ ޒަގްރެބް ބަލިކުރީ ވެސް 2-0 ލަނޑުންނެވެ. މެޗުގެ 23، އަދި 42 ވަނަ މިނެޓުގައި ލިޔޯން އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ބަފެޓިމްބީ ގޯމިސް އާއި ބަކާރީ ކޯން އެވެ. ބެންފީކާ އިން އެޓެލުލް ގަލަޓް ގެ މައްޗަށް ކުރި ހޯދީ 1-0 ލަނޑުންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި ބެންފީކާއަށް ލަނޑު ކާމިޔާބުކޮށްދިނީ ބްރޫނޯ ސީސާ އެވެ. ލިލޭ އާއި ޓްރަބްސަންޕޯ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

ގްރޫޕް އޭ، ގްރޫޕް ބީ، ގްރޫޕް ސީ އަދި ގްރޫޕް ޑީ ގައި ރޭ ކުޅުނު މިމެޗު ތަކަށް ފަހު މަގާމުތަކަށް ވަނީ ބަދަލު އައިސްފައެވެ. ގްރޫޕް އޭއަށް ބަލާއިރު އަދިވެސް އެއްވަނާގއި ހަ ޕޮއިންޓާއެކު ބެޔާން މިއުނިކް އުޅޭއިރު، ދެވަނަގައި ހަތަރު ޕޮއިންޓާއެކު އުޅެނީ ނަޕޯލީއެވެ. ލިބުނު ހަމައެކަނި ޕޮއިންޓާއެކު ތިންވަނާގައި މެންޗެސްޓާ ސިޓީ އޫޅޭއިރު، ފުލުގައި އޮތީ އެއްވެސް ޕޮއިންޓެއް ލިބިފައިނުވާ ވިޔަރެއާލް އެވެ.

ގްރޫޕް ބީގެ އެއްވަނާގައި ހަތަރު ޕޮއިންޓާއެކު ކުރީގައި އޮތީ އަލަށް މިމުބާރާތަށް ކޮލިފައިވި ޓްރަބްޒަންސްޕޯ އެވެ. ދެވަނާގައި ލިބު ތިން ޕޮއިންޓާއެކު އިންޓަމިލާން އުޅޭއިރު، ތިން ވަނާގައި ދެޕޮއިންޓާއެކު އުޅެނީ ލިލޭ އެވެ. އެންމެ ފުލުގައި އެއްޕޮއިންޓާއެކު އޮތީ ސީއެސްކޭ މޮސްކޯ އެވެ.

ގްރޫޕް ސީގެ އެއްވަނާގައި އެފްސީ ބާސެލް ކުރީގައި އުޅެނީ ގޯލުގެ ތަފާތުންނެވެ. ބާސެލް އާއި ދެވަނާގައި އުޅޭ ބެންފީކާ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނާގައި ދެމެޗުން ލިބުނު ދެޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑް އުޅޭއިރު، އެއްވެސް ޕޮއިންޓެއް ނުލިބި އެންމެ ފުލުގައި އޮތީ އޮޓެލުލް ގަލަޓީ އެވެ.

ގްރޫޕް ޑީ ގައި ދެމެޗުން ލިބު ހަ ޕޮއިންޓާއެކު އެއްވަނާގައި ރެއާލް މެޑްރިޑް އުޅޭއިރު، ލިބުނު ހަތަރު ޕޮއިންޓާއެކު ދެވަނާގައި އޮތީ ރެއާލް ލިޔޯން އެވެ. ލިބުނު ޕޮއިންޓަކާއެކު ތިންވަނާގައި އަޔެކްސް އުޅޭއިރު، އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޑައިނަމޯ ޒަގްރެބް އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް އީ، ގްރޫޕް އެފް، ގްރޫޕް ޖީ އަދި ގްރޫޕް އެޗް ގެ މެޗުތަކެވެ. ތިރީގައި އެވަނީ މިރޭ ކުޅޭ މެޗުތަކުގެ ޝެޑިއުލް އެވެ.

ގްރޫޕް އީ
11:45 : ބެޔާން ލެވަކޫސަން – ރޭސިންގް ގެންކް (ބެޔާން ލެވަކޫސަންގެ ބޭ އެރީނާ ސްޓޭޑިއަމްގައި)
11:45 : ވެލެންސިއާ - ޗެލްސީ (ވެލެންސިއާ ގެ މަސްޓެލާ ސްޓޭޑިއަމްގައި)
ގްރޫޕް އެފް
11:45 : އާސެނަލް – އޮލިމްޕިއާކޮސް (އާސެނަލް ގެ އެމިރޭޓްސް ސްޓޭޑިއަމްގައި)
11:45 : މާސެލް – ބޮރޫސިއާ ޑޯޓްމުންޑް (މާސެލް ގެ ސްޓޭޑް ވެލޮޑްރޯމް ސްޓޭޑިއަމްގައި)
ގްރޫޕް ޖީ
21:00 : ޒެނިތް އެސްޓީ ޕީޓާސްބާގް – އެފްސީ ޕޯޓޯ (ޒެނިތް ގެ ޕެޓްރޮވްސްކީ ސްޓޭޑިއަމްގައި)
11:45 : ޝާޚްތަރު ޑޮނެސްކް – އެޕޯލް ނިކޯސިއާ (ޝާޚްތަރު ގެ ޑޮންބްލަސް އެރީނާ ސްޓޭޑިއަމްގައި)
ގްރޫޕް އެޗް
11:45 : އޭސީ މިލާން – ވިކްރިއާ ޕުލްޒެން (މިލާން ގެ ޖިއުސެއްޕޭ މީޒާ ސްޓޭޑިއަމް ގައި)
11:45 : ބާޓޭ ބޮރިސޯވް – ބާސެލޯނާ (ބާޓޭ ބޮރިސޯވް ގެ ބޮރިސޯވް ގްރަޑްސްކީ ސްޓޭޑިއަމްގައި)