22 Nov 2018, 16:03
ކުރީގެ ރައީސުންނަށްދޭ އިނާޔަތުގެ ފައިސާ މުހައްމަދު ނަޝީދަށް ދިނުމަށް ބަޖެޓު ކުރުމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސުންނަށް މުސާރަ އާއި އިނާޔަތްތައް ދޭން ބަޖެޓުގައި ޖަހާފައިވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މުސާރަ އާއި އިނާޔަތް ދޭން ބަޖެޓުގައި އެއްވެސް ފައިސާއެއް ހިމަނާފައެއް ނުވެ އެވެ.
މި އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ނަޝީދަށް އިނާޔަތް ދޭން ބަޖެޓުގައި ޖަހާފައި ނުވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އޭރު އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވާތީ ކަމަށެވެ. އަމީރު އެހެން ވިދާޅުވީ ބަޖެޓް ކޮމެޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އެ ސުވާލު ކުރެއްވުމުންނެވެ.
އަމީރު ވިދާޅުވީ އެކަން ކުރުމަށް ހުރަހެއް ނެތް ކަމަށާއި އެހެންވީމަ ނަޝީދަށް މުސާރައާއި އިނާޔަތް ދިނުމަށް ބަޖެޓުގައި ޖެހުމަށް އިއުތިރާޒެއް ނެތް ކަމަށެވެ.
ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތް ނަޝީދަށް ދިނުން މެދުކަނޑާލީ، ރައީސްކަން ކޮށްފައިވާ މީހުންނަށް އިނާޔަތް ދިނުމުގެ ގާނޫނަށް ބަދަލު ގެނައުމަށް ފަހު އެވެ. އެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން ރައީސްކަން ކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ހިސާބުން ފެށިގެން އެއްވެސް އިނާޔަތެއް އެ ގާނޫނުގެ ދަށުން ނުލިބޭނެ އެވެ.
އޭރު ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމުން އިނާޔަތްތައް ދިނުން މެދު ކަނޑާލި ނަމަވެސް މިހާރު އެ ހުކުމް ތަންފީޒު ކުރުން ސުޕްރީމް ކޯޓުގެ އަމުރަކުން ވަނީ ހުއްޓުވައިފަ އެވެ. އަދި އެ މައްސަލަ ދައުލަތުން އެދިގެން ސުޕްރީމް ކޯޓުން ދަނީ ބަލަމުންނެވެ.
މިފަހަރު ބަޖެޓް އެކުލަވާލި އިރު ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށާއި ރައީސް އަބްދުﷲ ޔާމީން އަދި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށް އިނާޔަތްތަކާއި ފައިސާ ދޭން ވަނީ ހިމަނައިފަ އެވެ.
އެގޮތުން ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 75،000 ރުފިޔާ އަދި ދިރިއުޅޭ ތަނަށް 10،000 ރުފިޔާ ވަނީ ހިމަނައިފަ އެވެ.
އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކުގެ އޮފީސް ހަރަދުގެ ގޮތުގައި ތިން ރައީސުން ކުރެ ކޮންމެ ރައީސަކަށް މަހަކު 87،000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ.