22 Nov 2018, 15:40
އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ބާތިލުކުރަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ ޝައިހް އިމްރާނުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރުލިބޭ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެއެވެ.
އޭނާގެ ފަރާތުން އެ ހުކުމް ރިވިއު ކުރަން ހުށަހަޅެމުން އެ މައްސަލަ ނިމެންދެން، ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މިއަދު އޮތީ ރިވިއު މައްސަލައިގައި ހުކުމް އިއްވުމެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނީ، ކްރިމިނަލް ކޯޓުން އިމްރާންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މޭޑޭގައި އޭނާ ދެއްކެވި ވާހަކަތަމާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުމަށް އެކަށީގެންވާ ވަރަށް ރިއާޔަތް ނުކޮށް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ދެމެހެއްޓީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ، މޭޑޭގައި އިމްރާން އަނިޔާވެރި ނުވުމަށް ގޮވާލައްވައި ދެއްކެވި ވާހަކަތަކާއި، އޭނާ އަނިޔާވެރި ކަމަށް ގޮވާލައްވައި ދެއްކެވި ކަމަށް ދައުލަތުން ބުނާ ވާހަކަތައް ފާހަގަ ކުރައްވާފަ އެވެ. އެ ވާހަކަތައް މާނަ ކުރުމާ ގުޅޭ ގޮތުން، އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ބަހުސްތަކެއް ވެސް ކުރެވިގެން ދިޔަ އެވެ.
މޭޑޭގައި އިމްރާން ވާހަކަފުޅު ދެއްކެވީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، އެހެން ކަމުން އޭނާއަށް ދައުވާ ކޮށްފައި ވަނީ އޭނާއަށް ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭ ގޮަތަކަށް ކަމަށް އޭނާގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ އަޑުއެހުމުގައި ވިދާޅުވެފަ އެވެ.
ހުކުމުގައި ބުނެފައި ވަނީ އިމްރާން މޭޑޭގައި ދެއްކެވި ވާހަކަތަކާއި، މޭޑޭގައި ބަޔަކު ގާނޫނާ ހިލާފަށް ކުރި އަމަލުތަކާ ދައުލަތަށް ގުޅުވާލެވިފައި ނުވާ ކަމަށެވެ. އަދި އެ ދެކަންތައް ގުޅުވޭ ވަރަށް ހެއްކާއި ގަރީނާ ދެއްކިފައި ނުވާ ކަމަށެވެ. އޭގެ އިތުރުން، އިމްރާން މޭޑޭގައި ދެއްކެވި ވާހަކަތަކުގެ ތެރޭގައި ސާފުކޮށް އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ވާހަކަތަކެއް ހިމެނިފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 52ވަނަ މާއްދާގެ (ހ) ގައި ވަނީ، އެއްވުން އިންތިޒާމް ކުރާ ފަރާތުން އެއްވުމުގެ ބައިވެރިންގެ ފަރާތުން ހަމަނުޖެހުން ހިންގިޔަ ނުދިނުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ނަމަ އެކަމުގެ ޒިންމާ އެއްވުން އިންތިޒާމު ކުރާ ފަރާތުން އުފުލަން ޖެހޭނެ ކަމަށެވެ.
އެ މައްސަލަައިގެ އަޑުއެހުމުގައި، ނޫރު ވަނީ އެ އެއްވުން ބޭއްވުމުގެ ކުރިން އަދާލަތުން ފުލުހުންނާ ބައްދަލު ކޮށް ވާހަކަ ދެއްކިކަން ފާހަގަ ކުރައްވާފަ އެވެ. ނޫރު ވިދާޅުވީ އިމްރާންގެ މައްޗަށް ހުކުމް ކުރީ އޭނާއަށް ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގުން މަހުރޫމުވާ ގޮތަށް ކަމަށެވެ.
މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މޭޑޭގައި ހަމަނުޖެހުން ހުއްޓުވުމަށް އިމްރާން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެވެން ނެތް ކަމަށެވެ. އެހެން ކަމުން މޭޑޭގައި ގާނޫނާ ހިލާފު އަމަލެއް ބަޔަކު ހިންގި ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެބަޔަކު ކަން ހުކުމުގައި ފާހަގަ ކުރި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ޝައިޚް އިމްރަން ގެންދަވަނީ ހޯމް މިނިސްޓަރުގެ މަގާމު އަދާކުރައްވަމުންނެވެ. އިމްރާނުގެ މައްޗަށް ހުކުމެއް ކޮށްފައިވާތީ، އޭނާ އެމަގާމަށް އައްޔަނުކުރެވޭނެކަމާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.