ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗްތައް ކުލަބް ޓީނޭޖް ޖޫނިއާ އާއި ކުލަބް ރާވެރިޔާ އަދި އެސްޓީއޯ އިން ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު ތިން މެޗްގެ ތެރެއިން، ފުރަތަމަ ކުޅުނު ދެ މެޗަކީ ގްރޫޕް ބީ ގެ ދެ މެޗެވެ. އަދި ތިން ވަނަ މެޗަކީ ގްރޫޕް އޭގެ މެޗެކެވެ. ފުރަތަމަ މެޗް ޓީނޭޖުން ކާމިޔާބުކުރީ ކުލަބް ވިސެންޒާއާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. މެޗް މޮޅުކުޅުންތެރިއަކަށް ހޮވުނީ ޓީނޭޖްގެ ޔާމިން ހަލީލެވެ.

މެޗްގެ ސެޓް ޓީނޭޖުން ގެންގޮސްފައިވަނީ، 25-10، 25-19 އަދި 25-15 އިންނެވެ.

ދެ ވަނަ މެޗްގައި ރޭ ބައްދަލުކުރީ ރާވެރިޔާ އާއި އީގަލްސްއެވެ. މި މެޗް ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ރާވެރިޔާއެވެ. މޮޅުކުޅުންތެރިއަކަށް ހޮވިފައި ވަނީ ރާވެރިޔާގެ އިސްމާއިލް ރިފާޢުއެވެ.

މެޗްގެ ސެޓްތައް ރާވެރިޔާއިން ކާމިޔާބު ކޮށްފައި ވަނީ، 25-12، 25-11 އަދި 25-15 އިންނެވެ.

އިއްޔެ ކުޅުނު ތިން ވަނަ މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި އެސްޓީއޯ ވާދަ ކުރިއިރު ތިން ސެޓް ދެ ސެޓުން ކާމިޔާބު ކުރީ އެސްޓީއޯ އެވެ.
މެޗްގެ ފުރަތަމަ ސެޓް އެސްޓީއޯ އިން ކާމިޔާބުކުރީ 25-20 އިންނެވެ. ދެ ވަނަ ސެޓް 25-23 ކަސްޓަމްސްއިން ކާމިޔާބު ކުރިއިރު، ތިން ވަނަ ސެޓް 25-19 އިން ކާމިޔާބު ކުރީ އެސްޓިއޯ އެވެ. އަދި ހަތަރު ވަނަ ސެޓް 26-24 އިން ކަސްޓަމްސް އިން ކާމިޔާބު ކުރިއިރު، ފަހު ސެޓް 15-9 އިން ކާމިޔާބު ކުރީ އެސްޓީއޯ އެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޓީއޯ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ޒިމުތު އޮޕަޝާންތާއެވެ.

މުބާރާތުގައި މިއަދު ވެސް ގްރޫޕް އޭގެ ދެ މެޗާއި ގްރޫޕް ބީގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު 5:00 ޖަހާއިރު ކުޅޭ ފުރަތަމަ މެޗްގައި ބައްދަލު ކުރާ ދެޓީމަކީ ގްރޫޕް އޭ ފަޅިންވާދަކުރާ ޕޮލިހާއި ފެލިދޫ ނިއު ޖެނެރޭޝަންގެ ޓީމެވެ. އަދި ދެ ވަނަ މެޗްގައި މިރޭ 8:00 ޖަހާއިރު ބައްދަލު ކުރާ ދެޓީމަކީ އެސްޓީއޯ އާއި ނިލަންދޫ ޔޫތްޓީމެވެ. އަދި ތިން ވަނަ މެޗްގައި މިރޭ 10:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް ބީ ފަޅިން ވާދަކުރާ ކުޑަހެންވޭރާ، ކުލަބް ޓީނޭޖެވެ.

މުބާރާތުގެ ސެމީ އަށް ދާނީ ދެ ގުރޫޕުން ވެސް އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތަކެވެ. ވޮލީބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމެކެވެ.