03 Jun 2010, 10:18
14:30
ލިލީގެ ވެހިކަލަކަށް އަރުވަން އުޅެނިކޮށް ފެނުނު ރާ ފުޅިތަކާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ނަމުގައި ރަޖިސްޓްރީ އޮތް ކާރަކުން ފެނުނު ރާ ފުޅިތަކުގެ މައްސަލައިގައި ތިން ބިދޭސީއެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ހިފަހައްޓާފައިވާ ތިން ޕާސް ޕޯޓުގެ ތެރޭގައި ހިމެނެނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ލިލީގެ ވެހިކަލަކަށް އަރުވަން އުޅެނިކޮށް އަތުލައިގެތް 240 ފުޅި ރަލުގެ މައްސަލައާ ގުޅުން ހުރި ދެ ބިދޭސީއެއްގެ ޕާސްޕޯޓާއި، ރީކޯ މޫސާ މަނިކުގެ ނަމުގައި ރަޖިސްޓްރީ އޮތް ކާރަކުން ފެނުނު ރާފުޅިތަކުގެ މައްސަލައާ ގުޅުންހުރި އެކެއްގެ ޕާސްޕޯޓު ކަމަށެވެ.
ޕާސްޕޯޓު ހިފަހައްޓާފައިވީ ނަމަވެސް އެތިން މީހުން ވެސް ތިބީ ދޫކޮށްލާފައި ކަމަށާއި ދޫކޮލަން ޖެހުނީ ބަންދުގައި ބޭތިއްބުމަށް ކޯޓުން މުއްދަތު އިތުރުކޮށްދީފައިނުވާތީ ކަމަށް ވެސް ސަބް އިންސްޕެކްޓަރ އަހުމަދު ޝިޔާމް ވިދާޅުވި އެވެ.
މި ދެ މައްސަލައިގެ ތެރެއިން ރީކޯ މޫސާ މަނިކުގެ ނަމުގައި ރަޖިސްޓްރީ އޮތް ކާރުން ރާފުޅިތައް ފެނުނު ރޭ އެ ފުޅިތައް ހުޅުލޭ ބޮންޑެޑް ވެއަރ ހައުސިން ނެރެގެން މާލެ ގެނެސް އެ ކަމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ބެލެވޭ މީހާ ހަމަ އެރޭ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށާއި އޭނާ ހޯދަން ކުރި މަސައްކަތް މިހާތަށް ވެސް ކާމިޔާބުވެފައިނުވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.