ގާނޫނާ ހިލާފަށް ގަސް ކެނޑުމާއި ފަރުތަކާއި ފަޅުތަކަށް ގެއްލުންދޭ މައްސަލަ ބެލުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބައެއް ރަށްރަށުން އަދަދެއް ނެތް ގޮތަށް ރުށް ކަނޑަައި ބޭރު ކުރަމުން ދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެމައްސަލައި އީޕީއޭއިން ވެސް ދަނީ ބަލަމުންނެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ތިމާވެއްޓަށް ގެއްލުންދިނުމަށް ކުރަމުންނާ ކަންކަން ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

ޅައިމަގުން ރުއް ނަގާފައި -- ފޮޓޯ: ފޭސްބުކް/ޅައިމަގު އޮންލައިން

ހުއްދަަ ނެތި އެއް ރަށުން އަނެއް ރަށަށް ރުއްގަސް ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވެސް ވަނީ ބުނެފަ އެވެ.

އީޕީއޭ އިން ބުނީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ "ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމާއި ބެހޭ ޤަވާއިދު"ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކަން ކުރެވޭނީ އެ އެޖެންސީގެ ހުއްދަ ލިބިގެން ކަމަށެވެ.

އަދި ރުއްގަސް ކެނޑުމާއި ނެގުމާއި އުފުރުން ނުވަތަ އެއް ރަށުން އަނެއް ރަށަށް ގެންދެވޭނީ ކޮންމެހެން އެނޫން ގޮތެއް ނެތިގެން ހަމައެކަނި ޒަރޫރީ ބޭނުމަށް، "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމުގައި ގެންގުޅެންވީ އުސޫލާ" އެއްގޮތުގެ މަތީން ކަމަށް އީޕީއޭއިން ބުންޏެވެ.