ގިނަ ޒުވާނުން ބާކީވެގެން ދަނީ ވަޒީފާއެއް ހުނަރެއް ނެތިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ހޯރަފުށްޓަށް ވަޑައިގެން ހުނަރު ޕްރޮގްރާމްގައި ހޯރަފުށިން ބައިވެރިވާ ކުދިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ވާހަކަފުޅުގައި މި ޕްރޮގްރާމް ހިންގެވުމުގެ އެންމެ ބޮޑު ބޭނުމަކީ ވީހާ ވެސް ގިނަ ޒުވާނުންނަށް ވަޒީފާތައް ހޯއްދަވައިދެއްވުމާއި ބިދޭސީން ރާއްޖޭގައި އަދާކުރަމުންދާ ވަޒީފާތަކަށް، ހުނަރުވެރި ޒުވާނުން ތައްޔާރު ކުރެއްވުން ކަމުގައި ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެ ރޮނގުން ވާހަކަފުޅު ދައްކަވަމުން، ހޯރަފުށީގައި ވެސް އެކިއެކި ހުނަރުތައް ދަސްކޮށްދޭ މައިގަނޑު ޕްރޮގްރާމްތައް ހިންގަވަން ބޭނުންފުޅުވާ ކަމަށާއި ތިން މަހާއި ހަމަހާ ދެމެދުގެ އެކިއެކި ކޯސްތައް ފުރިހަމަކޮށްގެން، ކަމުގެ ހުނަރާ އެކު ގިނަ ޢަދަދެއްގެ ކުދިން ވަޒީފާތަކަށް ނުކުންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޕްރޮގްރާމްގެ ހުރިހާ ބައިވެރިން ވެސް ޙާޒިރީއަށް ފަރުވާބަހައްޓައި ޤަވާޢިދުން ތަމްރީނުތަކަށް ޙާޒިރުވުމަށް ނަޞޭޙަތްތެރިވެވަޑައިގެންނެވި އެވެ. އަދި ހޯރަފުށީގެ މި ޕްރޮގްރާމްގައި އަންހެން ކުދިން ބައިވެރިވެފައިވާތީ، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.