ސެޕްޓެމްބަރު 28 ވަނަ ދުވަހު އަދި 29 ވަނަ ދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތީ ކޮންގްރެސްގައި އިޖުރާއަތްތައް ފުރިހަމަ ނުކުރާ ކަމަށް ބުނެއެވެ. އިލެކްޝަންސްއިން ކޮންގްރެސް ބަލައިނުގަންނަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ޕީޕީއެމްގެ ފަރާތުން ވަނީ ހައިކޯޓަށް ވައްދައިފައެވެ. މިއަދު އޮތީ އެ މައްސަލައިގައި ހައިކޯޓުން ހުކުމް އިއްވުމެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ހަތަރު ނައިބު ރައީސުން ވަނީ އިންތިހާބުކޮށްފައެވެ.

އެ ކޮންގްރެސް ބަލައި ނުގަތުމުން ޕީޕީއެމްގެ ހިންގުމުގެ މަގާމު އޮތީ ހުސްވެފައެވެ.

މިއަދު ހައިކޯޓުން އިއްވި ހުކުމުގައި ވަނީ، ޕީޕީއެމްގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް ބަލައިގަތުމަށާއި، ކޮންގްރެސްގައި އެޕާޓީގެ މަގާމުތަކަށް އައްޔަންކުރި ފަރާތްތައް ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި ނައިބު ރައީސުން އައްޔަން ކޮށްފައިވަނީ އަސާސީ ގަވާއިދުގެ ދެ މާއްދާއެއް ފުށުއަރާ ގޮތަށް ކަމަށް އީސީން ކޯޓުގައި ބުނި ނަމަވެސް އަސާސީ ގަވާއިދުގައި ފުށުއެރުމެއް ނެތް ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

އެހެންވީމަ ހަތަރު ނައިބު ރައީސުން އިންތިހާބު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބަލާނެ ހަމައެއް ނުވާ ކަމަށް ހައިކޯޓުން ހުކުމުގައި ވަނީ ބުނެފައެވެ.

އަދި މަގާމުތަކަށް މީހުން އިންތިހާބު ކުރެވުނު އިރު ގާނޫނާ ހިލާފުވެފައިވަނީ ކޮން ގޮތަކަށްކަން އިލެކްޝަންސް ކޮމިޝަނަށް ބުނެދެވިފައި ނުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އަދި ޕީޕީއެމްގެ މެމްބަރުން ނޫން މީހުން ކޮންގްރެސްގައި ބައިވެރިވެ ވޯޓު ލީ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. ހުކުމުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ރެޖިސްޓްރީ ބަލާފައި ނުވާ ކަމަށެވެ.

އެ ހުރިހާ ކަމެއް އެގޮތަށް ހުރުމުން ކޮންގްރެސް ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސައްހަ ނޫންކަމަށް ހައި ކޯޓުން ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

އަދި ޕާޓީގެ މަގާމުތަކަށް އައްޔަން ކުރެވުނު ބޭފުޅުން އެނގޭ ގޮތަށް 24 ގަޑިއިރު ތެރެގައި އިލެކްޝަންސްގެ ވެބްސައިޓަށް އެރުވުމަށްވެސް ހުކުމުގައި އަމުރުކޮށްފައިވެއެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ ރައީސަކަށް އިންތިހާބު ކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި އަބްދުއްރަހީމް އަބްދުﷲ އަދި އާޒިމާ ޝުކޫރުގެ އިތުރުން މުހައްމަދު ސައީދު އަދި މޫސާ ޒަމީރުއެވެ.