28 Sep 2011, 10:19
ސ. މަރަދު އާއި މަރަދޫފޭދޫ ގުޅޭ ސަރަހައްދު އިރުޝާދިއްޔާ ސްކޫލް ކައިރީގައި ބަޔަކު މީހުން ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
މަންޒަރު ދުށްމީހަކު ނަން ނުޖެހުމަށް އެދި ސަން އަށް ކިޔައިދިން ގޮތުގައި ހަމަލާދިން މީހުން ވަނީ ބިދޭސީ މީހާގެ ބުރަކައްޓަށް ވަޅި ހަރައިފަ އެވެ.
"އަޅުގަނޑު ވެސް ދިޔައީ ކާރުގައި. ދަނިކޮށް އެ މަންޒަރު ފެނުނު. އަޅުގަނޑަށް ފެނުނު އިރު ހުރީ އެމީހާގެ ބުރަކައްޓަށް ވަޅި ހަރައިފައި. ވަރަށް ގިނަ ލޭތައް ވެސް ފައިބަމުން ދިޔަ. އޭރު ހުރީ ވަޅި ނައްޓާ ވެސް ނުލައި ހަމަހުރި ގޮތަށް،" އެމީހާ ބުންޏެވެ.
ސަން އަށް މައުލުމާތު ލިބިފައިވާ ގޮތުގައި ރޭ ޒަހަމްވި މީހަކީ މަރަދޫ ކެފޭއެއްގައި މަސައްކަތްކުރާ ބަނގްލާދޭޝް މީހެކެވެ. އޭނާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ ރޭގެ ހާދިސާ ތަހްގީގު ކުރަމުންދާ ކަމަށާއި އެކަމާ ގުޅުން ހުރި މީހަކު މިހާތަނަށް އަދި ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.