22 Nov 2018, 10:56
ލަންޑަން(ނޮވެމްބަރު 22): ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން މަގާމުން ދުރުކުރުމަށް ސައޫދީ ޝާހީ އާއިލާގެ ތެރެއިން މަސައްކަތް ކުރަމުން ނުދާކަމަށް ވިދާޅުވެ އެގައުމުގެ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ދެއްކެވި ވާހަކަތައް ރޮއިޓާސްއިން ދޮގުކޮށްފިއެވެ.
ޖުބައިރުގެ ވާހަކަތައް ދޮގުކޮށް ރޮއިޓާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން މަގާމުން ދުރުކުރުމަށް ސައޫދީ ޝާހީ އާއިލާގެ ތެރެއިން މަސައްކަތް ކުރަމުންގެންދާ ކަމަށާ އެކަމާބެހޭ ޚަބަރު ފެތުރީ ޝާހީ އާއލާގެ އިތުބާރުހުރި ތިން ފަރާތަކުން ކަށަވަރުކޮށްދިނުމުން ކަމުގައެވެ. ޖުބައިރަށް ރައްދު ދީ ރޮއިޓާސްއިން ނެރުނު ބަޔާނުގައި މުހައްމަދު ބިން ސަލްމާން މަގާމުން ދުރުކުރުމަށް މަސައްކަތްކުރަނީ ޝާހީ އާއިލާގެ ތެރޭގައި ހިމެނޭ ނުފޫޒުގަދަ ފަރާތްތަކެއް ޝާމިލްވެގެން ފުޅާދާއިރާއެއްގައި ކަމަށާ އެކަން މިހާރުވެސް ކުރިޔަށްދާކަން ކަށަވަރު ކޮށްދީފައިވެއެވެ.
މި ހަފްތާގެ ކުރީކޮޅު ރޮއިޓާސްއިން މިޚަބަރު ފެތުރުމުން ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވަނީ ކަނޑައެޅިގެން މިކަމަށް އިންކާރު ކުރައްވައި ރޮއިޓާސް ގެ ޚަބަރު ދޮގު ކުރައްވާފައެވެ. ސީއެންބީސީ ނެޓްވާކަށް ދެއްވި ބަސްދީ ގަތުމެއްގައި ޖުބައިރުވަނީ ބިން ސަލްމާން މަގާމުން ދުރުކުރުމަށް ސައޫދީ ޝާހީ އާއިލާގެ ތެރެއިންވެސް އަދި އެނޫންގޮތަކަށްވެސް މަސައްކަތް ކުރަމުން ނުގެންދާކަމަށް ވިދާޅުވެ ރޮއިޓާސްގެ ޚަބަރަކީ ތާކުންތާކު ނުޖެހޭ ދޮގު ޚަބަރެއްކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ.
ތުރުކީގައި ހުންނަ ސައޫދީ ކޮންސުލޭޓްގައި ސައޫދީ ނޫސްވެރިޔާ ޖަމާލްއަލް ޚާޝުގްޖީ އަވަހާރަކޮށްލުމަށް އަމުރުކުރެއްވީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ކަމަށް އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) އަށް ގާތްގަނޑަކަށް ޔަގީން ކުރެވޭކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ "ނިއުޔޯކް ޓައިމްސް" ބުނެފައިވެއެވެ. މިމައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ އެކި ފެންވަރުގެ މަސްއޫލުވެރިންވަނީ ސައޫދީ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުތައް ދީ ބިރުތައްވެސް ދައްކާފައެވެ. ނަމަވެސް އެންމެ ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިމައްސަލައިގައި ސައޫދީގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. މިގޮތުން ހާޝުގްޖީގެ މަރުގެ ފަހަތުގައި ހުންނެވީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ކަމަށް ޝައްކު ކުރެވުނު ނަމަވެސް، ސައޫދީއާއެކު އެމެރިކާ ބާއްވާ ޚާއްސަ ގުޅުންތައް މުސްތަގްބަލްގައިވެސް ދަމަހައްޓާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވަނީ ޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާއާ މުހައްމަދު ބިން ސަލްމާން އާ ގުޅުމެއް ނެތްކަމަށް ވިދާޅުވެފައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ޖުބައިރު ވަނީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާއި ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ ޒާތާ ބެހުމަކީ ސައޫދީގެ ރަތްރޮނގު ހުރަސްކުރުން ކަމަށާއި އެކަމަށް ފުރްސަތު ނުދޭނެކަމުގެ އިންޒާރު ވެސް ދެއްވާފައެވެ. އަދި ސައޫދީ ވަލީއުލްއަހްދު މަގާމުން ދުރުކުރުމާއި ނުކުރުމުގެ ވާހަކަތަކަކީ ބޭރުގެ ފަރާތްތަކާ ގުޅިފައިވާ ކަމެއް ނޫންކަމަށާ އެއީ ސައޫދީ ދާޚިލީ ކަމެއްކަމަށްވެސް ޖުބައިރު ވިދާޅުވިއެވެ. (އަލްޖަޒީރާ)