22 Nov 2018, 09:58
ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ހިންދީ ޑްރާމާތަކާއި ބޮލީވުޑް ފިލްމުތަކުގައި ބައްޕަގެ ރޯލުތަކުން މަޝްހޫރުކަން ހޯދި އެކްޓަރު، އަލޯކް ނާތު އޭނާގެ ކޯ-އެކްޓަރެއް ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އެ މައްސަލަ ފެންމަތިވީ އިންޑިއާގައި މިހާރު ކުރިއަށްދާ #މީޓޫ މޫވްމަންޓުގެ ތެރެއިންނެވެ. އަލޯކްގެ އިތުރުން ބޮލީވުޑްގެ ފުންނާބު އުސް ގިނަ ފަރާތްތަކަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ ތުހުމަތު ވަނީ ކުރެވުފައެވެ. ނަމަވެސް ފުލުހުން އަދި ބަލަން ފަށައިފައި މިވަނީ އަލޯކްގެ މައްސަލަ އެކަންޏެވެ. މިހާރު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ވިންތާ ނަންދާ، އަލޯކް އާދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅައިފައި ވަނީ މީގެ މަސް ދުވަސް ކުރިންނެވެ. އަދި އަލޯކް ނަންދާ ރޭޕް ކުރިކަމަށް ފުރަތަމަ ތުހުމަތު ކުރީ އޮކްޓޫބަރު އަށްވަނަ ދުވަހުއެވެ. މުމްބާއީ ފުލުހުން މިހާރު ވަނީ އަލޯކް އާދެކޮޅަށް ރޭޕްގެ މައްސަލައެއް ފައިލްކޮށް، މައްސަލައިގެ ތަހުގީގު ފަށައިފައެވެ.
ތަހުގީގު ކުރިއަށް ދާތީ މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ. ނަންދާ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ ދެމީހުން އެކުގައި ޑްރާމާ ސީރީޒް އެއްގެ މަސައްކަތްކޮށް ނިންނިފަހުން އަލޯކްގެ ފަރާތުން ހުއްޓުމެއް ނެތި އެކި ކަހަލަ އުންދަގޫތައް ކުރިމަތިވަމުން ދިޔަ ކަމަށެވެ. ނަންދާ ވަނީ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ޝިކާރައަކަށް ވެފައިތިބި އެންމެން، ބިރު އެތްފަރާތް ކުރުމަށް ފަހު އިންސާފު ހޯދަން ތެދުވުމަށް ގޮވައިލަިއފައެވެ.