22 Nov 2018, 09:53
ބޮލީވުޑްގެ ހިތްގައިމު ޖޯޑު ރަންވީރު ސިންގ އަދި ދީޕިކާ ޕަދުކޯންގެ ކައިވެނީގެ އުފާ ފާޅުކޮށް ނުނިމެނީސް، އަނެއްކާވެސް ބޮޑު ކައިވެންޏެއް ކުރެވެން އެބަ އުޅެއެވެ.
ދެން އޮތީ ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ހޮލީވުޑް ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސްގެ ކައިވެންޏެވެ. ކައިވެންޏަށް ވަގުތު ކުޑަތަން ވެފައިވާއިރު، ނިކް މިހާރު ވަނީ އިންޑިއާ އަށް ގޮސްފައެވެ. ނިކް ވަނީ ނިއު ޔޯކް އިން ފުރަމުން އިންސްޓަގްރާމް މެދުވެރިކޮށް ޕޯސްޓެއް ކޮށްފައެވެ. ދެމީހުން ކައިވެނި ކުރާނީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ޖޯދްޕޫރުގައެވެ.
ރިޕޯޓުތައް ބުނާގޮތުން ކައިވެނި ކުރެވިގެން ދާނީ ނޮވެމްބަރު 28 ން ޑިސެމްބަރު ދެވަނަ ދުވަހުގެ ނިޔަލަށް، ފަސް ދުވަހަށް ދެމިގެންދާ ކުލަގަދަ ހަފާލާއެއްގައި، އުމެއިދް ބަޗަން ޕެލެސްގައެވެ.
ޕްރިޔަންކާ މިހާރު ހުރީ އޭނާގެ ކުރިޔަށް އޮތް ފިލްމު 'ދަ ސްކައި އިޒް ޕިންކް' ގެ ޝޫޓިން އަށް ނިއު ދިއްލީގައެވެ. ބެލެވޭ ގޮތުގައި ނިކް ފުރަތަމަ ދާނީ ދިއްލީ އަށެވެ. ޖޯދްޕޫރަށް ދެމީހުން ދާނީ އެކުގައެވެ.