އިންޑިއާގައި ވައި ނުސާފުވުމުގެ މައްސަލައަކީ މިހާރު ބޮޑު މައްސަލައެކެވެ. ސާފު ވައިނުލިބުމުގެ ސަބަބުން ކުރިމަތިވާ ބަލިމަޑުކަމުގެ ބިރު އެގައުމަށް އެބައޮތެވެ. މި މައްސަލައަށް ހައްލު ހޯދައިދިނުމަށް ފަރުނީޗަރު ކުންފުނި އިކިއާއިން ވަނީ ނިންމައިފައެވެ.

އިންޑިއާގައި ވައި ނުސާފުވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ދަނޑުވެރިން އެމީހުންގެ ދަނޑުން ބާކީވާތަކެތި އެންދުމާއި ދަނޑުވެރިކަމުގެ މޫސުމަށް ތައްޔާރުވުމަށް ކުރީގައި ހައްދާފައިވާ ދަނޑުތަކުގައި ރޯކޮށް އެތަންތަން ނައްތާލުމެވެ. އިކިއާއިން ނިންމާފައިވަނީ ދަނޑުވެރިންގެ އަތުން ބާކީވާ އެއްޗެހި ގަނެ، އެތަކެތިން އިކިއާގެ އުފެއްދުންތައް އުފައްދައި ބާޒާރަށް ނެރުމެވެ.

"ބެޓަރ އެއާރ ނައު"ގެ ނަމުގައި ފަށާ މިހަރަކާތުގައި އިކިއާއިން ނިންމާފައިވަނީ އިންޑިއާގެ ދަނޑުވެރިންގެ އަތުން ބާކީވާ ހަނޑޫފަދަ ތަކެތި ގަނެ ހޮޅިފަދަ ތަކެތި އުފައްދައި ވިއްކުމަށެވެ. މީގެ ސަބަބުން ދަނޑުވެރިންނަށްވެސް ފައިދާ އެބައޮތްކަމަށް އެކުންފުނިން ބުނެއެވެ.

މިއަހަރު ނިމުމުގެ ކުރިން "ރައިސް ސްޓްރޯ" އުފައްދާނެކަމަށާއި ނަމަވެސް މި އުފެއްދުން ބާޒާރަށް ނެރޭނީ 2020 ގައި ކަމަށް އިކިއާ އިން ވަނީ ބުނެފައެވެ.

އިކިއާއިން ދަނީ އިންޑިއާގެ ސިޓީތަކުގެ ވައިނުސާފުވުން ކުޑަކުރުމަށް މުރާ މަސައްކަތުގައި އެ ސިޓީތަކުގެ ލޯކަލް ގަވަމެންޓުތަކާއި އެންޖީއޯތައްވެސް ބައިވެރިކުރަމުންނެވެ. އަދި އެހެން ކުންފުނިތަކަށްވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށާއި ދުނިޔެ ހޫނުވުމާއި ވައިނުސާފުވުން ކުޑަކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް އިކިއާއިން ވަނީ ބުނެފައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ވައި ނުސާފުވުމުގެ 33 ޕަސެންޓު ސަބަބަކީ ކައިރި ސަރަހައްދުތަކުގެ ދަނޑުވެރިން އެމީހުންގެ ދަނޑުތައް އެންދުމެވެ. ވައިނުސާފުވުމުގެ ސަބަބުން އިންޑިއާގައި އަހަރަކު އެތައް މިލިއަން މީހުން މަރުވެއެވެ.