22 Nov 2018, 10:45
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިނގިލީ ބްރާންޗު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައި ފަޅާލި ހާދިސާގައި އެތަނުން ގާތްގަނޑަކަށް 15 މިލިއަނަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަން "ސަން" އަށް ކަށަވަރު ވެއްޖެއެވެ.
ނަމަވެސް ވަގަށް ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އެއްވެސް ރަސްމީ އިދާރާ އަކުން މިިހާތަނަށް ބުނެފައެެއް ނުވެއެވެ. ފުލުހުން ބުނެފައި ވަނީ މި މައްސަލައާ ގުޅިގެން މިހާތަނަށް 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސް ޓީމެއް މިހާރުވެސް އެ ރަށުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.
ބޭން ފަޅާލި ހާދިސާގެ ތަހުގީގު ކުރިއަށް ދާއިރު، މިކަމާ ގުޅޭ މައުލޫމާތު ހުރި، ވަރަށް މުއުތަބަރު ފަރާތަކުން "ސަން"އަށް ކިޔައިދިން ގޮތުގައި 15 މިލިއަންނަށް ވުރެ ގިނަ ރުފިޔާއާއި އަދި ޑޮލަރުތަކެއްވެސް ބޭންކުން ވަގަށް ނަގައިފައިވެއެވެ. ފައިސާތަކުގެ އިތުރުން ބޭންކުގެ ޑޮކިއުމެންޓްތަކެއް ވެސް ވަގަށް ނަގާފައިވާ ކަމަށްވެއެވެ.
ބޭންކް ފަޅާލި ދުވަހު މިމައްސަލައާ ގުޅިގެން ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މިދިޔަ އަންގާރަ ދުވަހު ހަތަރު މީހަކާއި އެދުވަހު ރޭ ދެ މީހަކު މިމައްސަލައާ ގުޅިގެން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފަހުން ހައްޔަރުކުރި ދެ މީހުން ވެސް ނިސްބަތްވަނީ އެއް ގެޔަކަށެވެ.
ޖުމްލަ 13 މީހަކު މިމައްސަލައާ ގުޅިގެން ފުލުހުންގެ ބަންދުގައިވެ އެވެ. އެ 13 މީހުންގެ ތެރެއިން ބައެއް މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ.
އަންގާރަ ދުވަހު ހައްޔަރު ކުރި މީހުންގެ ތެރެެއިން އެރަށު ވޯކްޝޮޕެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ވެސް ހިމެނެއެވެ. ފުލުހުން ވަނީ އޭނާ މަސައްކަތްކުރާ ވޯކްޝޮޕާއި ގެ ބަލައި ފާސްކޮށްފައެވެ. ބަންދުގައި ތިބި 13 މީހުންގެ ތެރެއިން ހަތަރު މީހަކު ނިސްބަތް ވަނީ އެއް އާއިލާއަކަށެވެ.

ބީއެމްއެލް ވިލިނގިލީ ބްރާޗް ފަަޅާލި މައްސަލައިގައި އަންގާރަ ދުވަހު ހައްޔަރު ކުރި މީހުން މިއަދު އެރަށު މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުން -- ސަން ފޮޓޯ
ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރެއިން ފަސް މީހަކަަށް 15 ދުވަސް އަދި ދެ މީހަކަށް ހަތް ދުވަހުގެ ބަންދެއް، މިދިޔަ އަންގާރަ ދުވަހު ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހައިފައެވެ. އަދި އަންގާރަ ދުވަހު ހައްޔަރުކުރި ހަ މީހުންގެ ތެރެއިން ފުރަތަމަ ހައްޔަރު ކުރި ހަތަރު މީހުންނަށް 10 ދުވަސް، ފަހުން ހައްޔަރު ކުރި ދެ މީހަކަށް ހަތް ދުވަހުގެ ބަންދެއް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހައިފަ އެވެ.
މިކަން ކޮށްފައިވަނީ ދުރާލާ ރާވައިގެން!
އެ ރަށުން ވާހަކަ ދެއްކި ގިނަ މީހުންގެ ވާހަކަތަކުން، މިއީ ދުރާލައި ރާވައިގެން އެ ބޭންކުގެ ވަރަށް ގިނަ މައުލޫމަތެއް އެނގިގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ.
ވިލިނގިލިން ވާހަކަ ދެއްކި މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި ބޭންކް ފަޅާލުމުގައި އަމަލީ ގޮތުން ބައިވެރިވި ބައެއް މީހުން ގެއެއްގެ ސީސީޓީވީ ކެމެރާތަކަށް ވެސް ވަނީ އަރައިފައެވެ. ނަމަވެސް އެމީހުން ތިބީ މޫނު ނިވާކޮށްގެން ފުލް ކިޓުގައެވެ.

ބީއެމްއެލް ވިލިނގިލީ ބުރާންޗް ފަޅާލި ހާދިސާއަށް ފަހު، ފުލުހުން އެސަރަހައްދު ބަންދުކޮށް ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ
ބޭންކް ފަޅާލައިފައި ވަނީ ގޭސް ކަޓަރެއް ބޭނުންކޮށްގެން ފުރާޅުން ޓިނު ނަގައި، ބޭންކް ތިޖޫރީ ހުރި ދިމާލުން ސީލިންގް ހަލާކުކޮށްލައިގެން ވަދެއެވެ. އެމީހުން ވަނީ ބޭންކަށް ވަދެ ކެމެރާތައް އަނބުރާލައި ބޭންކްގެ ކަރަންޓް ކަނޑާލައިފައެވެ. އެއަށް ފަހު އެމީހުން ވަނީ ބޭންކް ތެރޭ ހުރި ސޭފް، ގޭސް ކަޓަރުން ކަފާލައި ތިޖޫރިއަށް ގެއްލުން ދީ އޭގެ ހުރި ފައިސާ ނަގައިފައެވެ.
އެމައްސަލައިގައި ހައްޔަރުކުރި އެކަކު ވަނީ ކުށަށް އިއުތިރާފްވެ، އެ ވައްކަމުގައި ބައިވެރިވި އެހެން މީހުންގެ މައުލޫމާތު ފުލުހުންނަށް ކިޔައި ދީފައެވެ.
ވިލިނގިލީ ގިނަ މީހުން ބުނާ ގޮތުގައި މިކަމަކީ ވަރަށް ބޮޑަށް ޕްލޭންކުރެވި ބޭންކްގެ ސިއްރު މައުލޫމަތުތަކެއް އެމީހުންނަށް ލިބިގެން ކޮށްފައިވާ ކަމެކެވެ. އަދި ބޭންކް ފަޅާލި ދުވަހާއި އޭގެ ކުރީގެ ދެ ދުވަހަކީ ބޭންކް ބަންދު ދުވަހެއް ކަމުން އެމީހުން މިކަމަށް އަމަލީ ގޮތުން ތައްޔާރުވުމަށް ތިން ދުވަސް ލިބިފައިވެ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ބޭންކްގައި ސެކުރިޓީ ބަލަހައްޓާ މީހަކު ނުހުރެއެވެ. ނަމަވެސް އެތަނަކީ، ސެކިއުރިޓީ ކެމެރާތައް ހަރުކުރެވި، 24 ގަޑިއިރު މޮނިޓަރކުރެވެމުންދާ ތަނެކެވެ.
ބޭންކު ފަޅާލި ކަމަށް ބީއެމްއެލްއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހޯމަ ދުވަހު ފަތިހު 5:30ގައެވެ.
މައްސަލައާ ގުޅޭ އެކަކު ފިލައިގެން ރަށުން ބޭރަށް!
މިމައްސަލާގައި ތުހުމަތު ކުރެވޭ އެމްޓީސީ ވިލިނގިލީ ސައިޓްގައި މަސައްކަތްކުރާ މީހަކު އެެ ދުވަހު ހެނދުނު ލޯންޗެއްގައި ފިލައިގެން ރަށުން ބޭރަށް ދިޔަކަމަށް މި ހާދިސާގެ މައުލޫމަތު އެނގޭ މީހަކު "ސަން"އަށް ކިޔައިދިނެވެ.
އޭނާ ކިޔަދިން ގޮތުގައި އެމީހާ ފިލައިގެން ދިޔައީ ވަގަށް ނެގި ފައިސާތަކުން ބައެއް ހިފައިގެން ކަމެއް އަދި ނޫން ކަމެއް ވެސް ނޭނގެއެވެ.
ނަމަވެސް އެވާހަކަތައް ވިލިނގިލީ އެމްޓީސީސީ ސައިޓާ ހަވާލުވެހުންނެވި އެ ސައިޓްގެ ސުޕަވައިޒަރު، ޔައުޤޫބު ހަސަން ދޮގުކުރައްވައެވެ.
އޭނާ މިއަދު "ސަން" އަށް ވިދާޅުވީ، އެ ސައިޓްގައި ހަތް މުވައްޒަފަކު އުޅޭކަމަށާއި ނަމަވެސް އެމައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެއްވެސް މުވައްޒިފަކު ރަށުން ބޭރަށް ގޮސްފައި ނުވާކަމަށެވެ.
ވަގަށް ނެގި ފައީސާ ތަކުގެ ތެރެއިން 12 މިލިއަނެއްހާ ފައިސާ މިހާތަނަށް ވަނީ ހޯދިފައި
ވަގަށް ނެގި ފައިސާ ތަކުގެ ތެރިން 12 މިލިއަނަށް ވުރެ ގިނަ ފައިސާ މި މައްސަލާގައި ތުހުމަތު ކުރެވޭ މީހަކަށް ނިސްބަތްވާ ގެއެއްގެ ތެރެއިން ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު ހޯދައިފައެވެ. އެގެޔަކީ މީހުން ދިރިނޫޅޭ ފަޅު ގޯޗެކެވެ. އޭގެ ތެރެއިން އެއްބައި ހޯދާފައި ވަނީ އެގޭގައި ހުރި ދޮންނަ މެޝިނެއްގެ ތެރެއިންނެވެ. ބާކީބައި ހޯދީ އެގޭ ސީލިންގު މަތީ ފޮރުވާފައި ހުއްޓައެވެ.
މީގެ އިތުރުން އަދި ވެސް އެހެން ތަންތަނުން ފުލުހުން ވަނީ ފައިސާ ހޯދައިފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ވިލިނގިލީ ދެކުނު އަވަށު ދެ ސަރަހައްދަކުން ވެސް މި މައްސަލައާ ގުޅޭ ފައިސާތަކެއް އިއްޔެއާއި އަންގާރަ ދުވަހު ފުލުހުން ވަނީ ހޯދައިފައެވެ. އެގޮތުން މިހާތަނަށް ފެނިފައިވާ ފައިސާގެ ޖުމުލަ އަދަދަކީ ގާތްގަނޑަކަށް 12 މިލިޔަން ރުފިޔާކަން ސަންއަށް ވަނީ ކަށަވަރުވެފައެވެ.