22 Nov 2018, 09:28
އިންޑިއާގެ ފިރހެނަކު އޭނާގެ ކައިވެނި ހަފްލާއަށް ދިޔަ މަގުމަތީގައި ބަޑި ޖަހައި ޒަހަމްކޮށްލި ނަމަވެސް، އެ ދުވަހު އޭނާ ކައިވެނިކޮށްފިއެވެ.
އެ ހާދިސާ ހިނގިއިރު އެ ފިރިހެން މީހާ އިނީ ކައިވެންޏަށް ދާން އަސްގާޑިއަލަށް އަރައިގެންނެވެ.
އޭނާ ޒަހަމްވުމުން ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދުމަށްފަހު އަނެއްކާވެސް ކައިވެނި ހަފްލާއަށް ދިޔައެވެ. އޭރުވެސް އޭނާގެ ބުރަކައްޓަށް އަރާފައި އިން ވަޒަން ހަމަ އެތަނުގައި އިނެވެ.
" ވަޒަން އެރުމާއެކު ޒަހަމްވި މީހާގެ ބޭބެ ވަނީ އޭނާ ގޮވައިގެން ހޮސްޕިޓަލަށް ގޮސްފައި" ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ބީބީސީއަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.
އެ ހާދިސާގައި ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ބޮޑު ސާޖަރީއެއް ނުކޮށް ވަޒަން ނެގޭގޮތެއް ނުވިއެވެ. ނަމަވެސް ހޮސްޕިޓަލުން ވަނީ ލޭމަނާކޮށްފައެވެ. ކައިވެނި ކުރުމަށްފަހު އޭނާ ވަނީ އަނެއްކާވެސް ހޮސްޕިޓަލަށް ގޮސްފައެވެ.
ޒަހަމްވި މީހާ ބުނީ އެ ހަމަލާ ދީފައިވަނީ އޭނާ މަރާލުމުގެ ނިޔަތުގައި ކަމަށެވެ. މަންޒަރު ދުށް މީހުން ބުނީ އެ ހަމަލާ ދިނީ ސައިކަލެއްގައި އައި ދެ މީހުން ކަމަށާއި އަދި ފަހުން އެމީހުން ފިލައިފައިވާ ކަމަށެވެ. ފުލުހުން ދަނީ މިހާރު އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ފަދަ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެއެވެ. އެގޮތުން މިއަހަރުގެ އެޕްރީލް އަދި 2016 ވަނަ އަަހަރު ވެސް އިންޑިއާގައި މިފަދަ ހާދިސާތަކެއް ހިނގާފައިވެއެވެ.