ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދިވެހި ސިފައިންނާ މިރޭ ބައްދަލު ކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ސިފައިންނާ ބައްދަލުކުރައްވާފައި ވަނީ ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ބައްދަލުކޮށްލެއްވުމަކީ މިނިސްޓަރ މާރިޔާ ޑިފެންސް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ދިވެހި ސިފައިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދު ދީދީ ސިފައިންނާއި ބައްދަލުކުރެއްވުން -- ސަން ފޮޓޯ / އަޙުމަދު އަވްޝަން އިލްޔާސް

މިރޭގެ ޖަލްސާގައި މިނިސްޓަރ މާރިޔާ ވަނީ ޑިފެންސް މިނިސްޓަރުގެ ޒިންމާއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން މާރިޔާ ވިދާޅުވީ ގާނޫނޫ އަސާސީއިން ސިފައިންނާ މަތިކޮށްފައިވާ އެންމެހާ ކަންކަން ގާނޫނީ ހަމަތަކުގެ މަތިން ހިނގާނުހިނގާގޮތް ބެއްލެވުމަކީ ޑިފެންސް މިނިސްޓަރުގެ އެންމެ ބޮޑު ޒިންމާ ކަމަށެވެ.

މީގެ އިތުރުން، ސިފައިން ގައުމަށް ޚިދުމަތް ކުރުމުގައި އަމާނާތްތެރިކަމާއެެކު މަސްއޫލިއްޔަތާ ވާޖިބުތައް އަދާކުރުމުގެ މައްޗަށް އަލިއަޅުވާލައްވާ މިނިސްޓަރު ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން މިނިސްޓަރު މާރިޔާ ވަނީ ސިފައިންގެ ހިދުމަތް އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވީހާވެސް ދެފުށް ފެންނަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ.

މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދު ދީދީ ސިފައިންނާއި ބައްދަލުކުރެއްވުން -- ސަން ފޮޓޯ / އަޙުމަދު އަވްޝަން އިލްޔާސް

މިރޭގެ ރަސްމިއްޔާތުގައި މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އެވެ

މިރޭގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިން ބައިވެރިވެއެވެ.