ބެންގކޮކް (ސެޕްޓެމްބަރ 28) : ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް އާދަޔާ ޚިލާފަށް ވިއްސާރަކުރަމުން ގެންދިޔުމުގެ ސަބަބުން ބައެއް ޤައުމުތަކުގައި ފެންބޮޑުވެ މީހުން މަރުވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެވެ.

ފެންބޮޑުވި ޤައުމުތަކުގެ ތެރޭގައި ތައިލެންޑާއި ކެންބޯޑިޔާ އަދި ފިލިޕީންސާއި ޗައިނާ އާއި ވިއެޓްނާމް ހިމެނެއެވެ.
ތައިލެންޑް ސަރުކާރުން ބުނިގޮތުގައި ފެންބޮޑުވުމުގެ ސަބަބުން 23 ޕްރޮވިންސެއްވަނީ ފެނުއަޑީގައެވެ. ފެންބޮޑުވި ތަންތަނުގެ ތެރޭގައި ބެންގކޮކްވެސް ހިމެނެއެވެ. ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވީ ކޯރުތައް ފުރި ބަންޑުން ވުމުގެ ސަބަބުންނެވެ. ތައިލެންޑުގެ އެކި ސަރަޙައްދުތަކުން 158 މީހަކު މަރުވެފައިވާއިރު އެތަށްބަޔަކު ގެއްލިފައިވެއެވެ. މީގެއިތުރުން ދަނޑުބިންތަކާއި ގެދޮރު ހަލާކުވެ މާއްދީ ބޮޑެތި ގެއްލުންތަކެއްވެސް ލިބިފައިވާ ކަމަށް ތައި ޑިޒާސްޓަރ މެނޭޖްމެންޓުން ބުނެއެވެ.

ތައިލެންޑްގެ އަވަށްޓެރި ކެންބޯޑިޔާގައިވެސްވަނީ ފެންބޮޑުވެފައެވެ. ކެންބޯޑިޔާ ސަރުކާރުން ބުނިގޮތުގައި ފެންބޮޑުވުމުގެ ސަބަބުން 61 މީހަކު މަރުވެ އެތަށްބަޔަކު ވަނީ ގެއްލިފައެވެ. އަދި ދަނޑުބިންތައް ހަލާކުވެ ޖަނަވާރުތައް މަރުވުމުގެ ސަބަބުން ދަޑުވެރިންނާއި ރަށްފުށުގެ ހިސާބުތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފިލިޕީންސްގައިވެސް ފެންބޮޑުވުމުގެ ސސަބަބުން 50 އަށްވުރެ ގިނަމީހުން މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މަގުތަކާއި ގެދޮރާއި އެނޫން އިންފްރާސްޓްރަކްޗަރަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެޤައުމުގެ ރަސްމީ ފަރާތްތަކުން ހާމަކުރެއެވެ. މީގެއިތުރުން ޗައިނާގެ ބައެއް ސަރަޙައްދުތަކާއި ވިއެޓްނާމްގެ ބައެއް ސަރަޙައްދުތަކަށްވެސް ފެންބޮޑުވުމުގެ ކާރިޘާ އެކިފެންވަރަށް ކުރިމަތިވެފައިވެއެވެ. ދެކުނު އޭޝިޔާގެ ޤައުމުތަކަށް ކުރަމުންގެންދާ މޫސުމީ ވިއްސާރަ އަދިވެސް ހުއްޓުމަކަށް ނާންނަކަމަށާއި އަދިވެސް ވިއްސާރައޮތީ ކުރިޔަށްކަމަށް އެޤައުމުތަކުގެ މޫސުމާބެހޭ އިދާރާތަކުން ލަފާކުރެއެވެ. (ނޫސްއެޖެންސީތައް)