ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ޕީޕީއެމްއާ އެކު ދާންވީ މިސްރާބެއް އެނގިވަޑައިނުގަތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އަރިހުގައި އަރިސްކޮށް މަސައްކަތް ކުރެއްވި މެމްބަރު ހުސެއިން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ މިއަދު ހަވީރު އެވެ. އޭނާގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ވެސް ވަނީ މިއަދު އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

"މިއަދާ ހަމައަށް، ރައީސް ޔާމީންގެ ސަރުކާރު ނިމުމާ ހަމައަށް އެންމެ ފަހު ދުވަހާ ހަމައަށް އަޅުގަނޑު އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދިނީމޭ،"

"މިއަދު އަޅުގަނޑު މި ޑިސިޝަން މި ނެނގީ، ޖުމްހޫރީ ޕާޓީއާއިގެން ކުރިއަށް ދާން މި ނިންމި ނިންމުމަކީ މިހާރު ޕީޕީއެމްގައި އަޅުގަނޑު ދާންވީ މިސްރާބެއް އަޅުގަނޑުމެންނަކަށް ނޭނގުނޭ،"

އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމްގެ ބެލެނެވެރި ފަރާތަކީ ކޮބައިކަން ނޭނގޭ ކަމަށެވެ. އަދި ޕާޓީ އެގޮތަށް ކުރިއަށް ދާން ޖެހިފައިވާ ޖެހުމަކީ އެ ޕާޓީއާ އެކު ކުރިއަށް ދިޔުމަށް އެ ޕާޓީގެ އިޚްލާސްތެރިންނަށް އޮތް ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ގާސިމް އިބްރާހިމްގެ އަރިހަށް ވަޑައިގަތީ އެމަނިކުފާނަކީ ރައީސް ޔާމީން ފިޔަވައި ދެން ގައުމަށް އެންމެ ގިނަ ހިދުމަތް ކުރެއްވި ލީޑަރު ކަމަށް ވާތީ ކަމަށް މެމްބަރު ހުސައިން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިއަދު ގަބޫލު ކުރެވުނީ، އަޅުގަނޑުމެންނާއިގެން، މިދިޔަ ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށް ބާލާއިރު، އިހްލާސްތެރި ދިވެހިންނަށް މަސައްކަތްތަކެއް ކޮށްދެއްވި ހަމައެކަނި ވެރިޔަކީ، ދެން ހުންނެވި ހަމަ އެކަނި ވެރިޔަކީ ގާސިމް އިބްރާހިމް. އެއީ އެމަނިކުފާނުގެ މިންނެތް ބުރަ މަސައްކަތް ފާއިތުވެދިޔަ އެތައް ސަރުކާރެއްގައި އަޅުގަނޑުމެންނަށް ފެނިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.