ދަރަނި އަދާ ނުކުރެވި ދަރަނި ނަގަމުން ދާނަމަ ގައުމު ބަނގުރޫޓު ވެދާނެ ކަމަށާއި ލިބޭ އާމްދަނީއިން ހަރަދުތައް ހަމަޖައްސަން ދަސްކުރަން ވެއްޖެކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 50 ބިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި މިހާރު ދަރަނި ހުރީ 48.6 ބިލިއަނުގައެވެ.

މިއަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓް ދިރާސާކުރުމަށް ބަޖެޓް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ގަވަރުނަރު ނަސީރު ވިދާޅުވީ ލިބޭ އާމްދަނީއިން ދައުލަތް ހިންގަން ދަސްކުރަންވެއްޖެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 20 ބިލިއަން ރުފިޔާ އެބަލިބޭ. އެހެންވީމަ ކީއްވެގެންތޯ އަޅުގަނޑުމެންނަށް މި 20 ބިލިއަން ރުފިޔާގެ ތެރެއިން އަޅުގަނޑުމެންގެ ހަރަދުތައް ހަމަ ނުޖެއްސެނީ. އަޅުގަނޑުމެން އެންމެންވެގެން އެބަޖެހޭ ލިބޭ އާމްދަނީއިން ހަރަދު ހަމަޖެއްސުމަށް ދަސްކުރަން. އެ ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނެތް،" ގަވަރުނަރު ނަސީރު ވިދާޅުވިއެވެ.

ބަޖެޓް ދިރާސާ ކޮމިޓީގެ ތެރެއިން --- ފޮޓޯ/ ފަޔާޒު މޫސާ

ނަސީރު ވިދާޅުވީ ދަރަނި ނަގަމުން ދާ ނަމަ އާހިރުގައި ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށްވެސް ވެފައި ހުރިގޮތް ވެގެންދާނެ ކަމަށެވެ. އެއީ ދަރަނި އަދާ ނުކުރެވި ދައުލަތް ބަނގުރޫޓު ވާނީ ކަމަށް ނަސީރު ވިދާޅުވިއެވެ.

"އޭގެކުރިން އަޅުގަނޑުމެން އެބަޖެހޭ ދަރަނި ނެގުން ކުޑަކުރަން ނުވަތަ ދަރަނި ނެގުން ހުއްޓާލަން،" ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ ޖީޑީޕީގެ ނިސްބަތުން ހުރީ 25 ޕަސެންޓުގައި ކަމަށެވެ. އެންމެ ކުރިއަރާފައި ހުރި ގައުމުތަކުންވެސް ޖީޑީޕީގެ ނިސްބަތުން އާމްދަނީ އުޅެނީ 30 ޕަސެންޓުގައި ކަމަށް ނަސީރު ވިދާޅުވިއެވެ. އެހެންވީމަ ދިވެހި ދައުލަތުގެ އާމްދަނީ ހުރީ އެންމެ ކުރިއަރާފައި ހުރި ގައުމުތަކާ ގާތްގަނޑަކަށް އެއް ހަމައެއްގައި ކަމަށް ނަަސީރު ވިދާޅުވިއެވެ.

ދައުލަތް މިހާރު ވަނީ ޗައިނާއަށް ވެސް 1.6 ބިލިއަން ރުފިޔާއަށް ދަރާފައެވެ. އެއީ މިހާތަނަށް ހާމަވެފައިވާ އަދަދު ނަމަވެސް އެ އަދަދު އިތުވެދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.