ބަނީވަލީދު (ސެޕްޓެބްމަރ 28) : ލީބިޔާގައި މިހާރު ވެރިކަންކުރާ ފަރާތްތަކަކީ ޚާއިނުން ކަމަށާއި "ޝަހީދުވަންދެން" އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވާނެ ކަމަށް މަޤާމުން ދުރުކުރެވިފައިވާ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލް ޤައްޒާފީ ވިދާޅުވެއްޖެވެ.

ގައްޒާފީ މިހެން ވިދާޅުވީ އޭނާއަށް ވަފާތެރި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވާ ލީބިޔާގެ އެންމެ ފަހު ރަށްކަމަށްވާ ބަނީވަލީދުން ބްރޯޑްކާސްޓް ކުރަމުން ގެންދާ ރޭޑިޔޯ ސްޓޭޝަނަކުން އިއްޔެ ފޮނުވި ބަޔާނެއްގައެވެ. މިބަޔާނުގައި ގައްޒާފީވަނީ ބަނީވަލީދާއި ސިރްތުގައި ލީބިޔާގެ ހަނގުރާމަވެރިންނާ ކުރިމަތިލަމުންގެންދާ އޭނާއަށް ވަފާތެރި ސިފައިންނަކީ މިދުނިޔޭގެ ބިމުގައިވާ އެންމެ މަތިވެރި މުޖާހިދުން ކަމަށް ސިފަކުރައްވައި ވާހަކަ ދައްކަވާފައެވެ.

ގައްޒާފީގެ ބަޔާނުގައި ނޭޓޯގެ ޤައުމުތަކުން ލީބިޔާގެ ތެލާއި ޤުދްރަތީ ގޭހަށް ދަހިވެތިވެފައިވާ ކަމަށް ސިފަކުރައްވައި ލީބިޔާގެ މިހާރުގެ ވެރިން ނޭޓޯގެ ޤައުމުތަކަށް ލީބިޔާ ވިއްކާލާފައިވާ ކަމަށް ތުހުމަތު ކުރެއްވިއެވެ. ނަމަވެސް ލީބިޔާގެ ރައްޔިތުން ލީބިޔާ އަލުން މިނިވަންކޮށް އެޤައުމުގެ ޤުދްރަތީ ވަސީލަތްތައް ރައްޔިތުންގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ކަމަށް ވިދާޅުވިއެވެ. ގައްޒާފީ ގެ ބަޔާނުގައ އޭނާ އަދިވެސް ހުންނެވީ ލީބިޔާގައި ކަމަށް ވިދާޅުވިއެވެ. މިބާވަތުގެ ވާހަކަތައް ދައްކަވައިގެން ގައްޒާފީވަނީ މީގެކުރިންވެސް ބައެއް ބަޔާންތައް ދެއްވާފައެވެ. -- އަލްޖަޒީރާ