21 Nov 2018, 14:17
ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލޖޮޮންގްއާ އެމްޑީޕީގެ އޮފީހުގައި މިއަދު ބައްދަލުކުރައްވައިފިއެވެ.
އެމްޑީޕީން ބުނީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅުކުރުމަށް މަޝްވަރާކުރެވުނު ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ރައީސް ނަޝީދު ޗައިނާގެ ސަފީރާ ބައްދަލުކުރެއްވީ އެމަނިކުފާނާ ޗައިނާއާ ވަރަށް ބޮޑަށް ގުޅުން ގޯސްވެފައި ވަނިކޮށެވެ.
ދާދި ފަހުން ރައީސް ނަޝީދު ރައީސް މުހައްމަދު ނަޝީދު ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗައިނާއާ އެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށާއި މި ސަރުކާރުން އެ އެއްބަސްވުން އުވާލާނެ ކަމަށެވެ.
އެއްބަސްވުން އުވާލަނީ ރާއްޖެއަކީ ޗައިނާ އާ އަޅާބަލާޢިރު ކުޑަ އިގްތިސާދަކަށްވެފައި ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ ގައުމަކާ އެކު މިނިވަން ވިޔަފާރިއެއް ކުރުމަކީ ރާއްޖެއަށް އެއްވެސް ފައިދާއެއް ވާނެކަމެއް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
އެހެން ނަމަވެސް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޖެންގް ޝުއަންގް ވަނީ، އެއްބަސްވުމާ ގުޅިގެން ދިވެހި ސަރުކާރުން ނިންމާނީ ރަނގަޅަށް ކަމަށް އުންމީދުކުރާކަމަށް ވިދާޅުވެފައެވެ.
ރާއްޖެ އާއި ޗައިނާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް ނަޝީދު ވަނީ ހއ. ދިއްދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އިންޑިއާ ކަނޑުގައި އަރަމުން އަންނަ އިސްތިއުމާރީ ބާރެއްގެ ގޮތުގައި ޗައިނާ ސިފަކުރައްވާފައެވެ. އަދި ރާއްޖެ ޗައިނާގެ ބޭންކުތަކަށް ގާތްގަނޑަކަށް 3.2 ބިލިއަން ޑޮލަރަށް ދަރާފައިވާ ކަމަށާއި އެގައުމުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖެ އަޅުވެތި ކުރުމަށް ކަމަށް ތުހުމަތުކުރެއްވިއެވެ.
އެހެން ނަމަވެސް އެކަމާ ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވި ގޮތުގައި، ނަޝީދު ބޭނުންފުޅުކުރައްވަމުން ގެންދަވަނީ ޗައިނާއާ ބެހޭގޮތުން ނުބައި މައުލޫމާތުތަކެކެވެ.