21 Nov 2018, 13:23
ހުޅުމާލޭ ހޮސްޕިޓަލުގެ ހަރަދުތަކަށް އާސަންދަ ހެލްތު ސްކީމުގެ 192 މިލިއަން ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ 2016 އަދި 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް ތިން ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލުގެ ހިންގުން އާސަންދަ އާ ހަވާލުކުރިފަހުން، 2017 ފެބްރުއަރީ 22ގެ ނިޔަލަށް ހޮސްޕިޓަލު ހިންގުމުގެ ހަރަދަށާއި ކެޕިޓަލް ހަރަދަށް ޖުމްލަ 192.6 މިލިއަން ރުފިޔާ އާސަންދަ ހެލްތު ސްކީމުގެ ފައިސާ އިން ހަރަދުކޮށްފައިވާ ކަމަށެވެ. މިގޮތަށް ފައިސާ ހަރަދުކޮށްފައި ވަނީ އާސަންދައިގެ ހިދުމަތްދޭ މަރުކަޒުތަކަށް ދައްކަން ޖެހޭ ފައިސާގެ ގޮތުގައި އެންސްޕާ އަށް ބިލުކުރުމުން އެ އިދާރާއިން އާސަންދަ ކުންފުންޏަށް ދޫކޮށްފައިވާ ފައިސާ ހިދުމަތްދޭ މަރުކަޒުތަކަށް ދެއްކުމުގެ ބަދަލުގައި ހުޅުމާލޭ ހޮސްޕިޓަލުން ހޯދާފައިވާ މުދަލާއި ހިދުމަތަށް ހަރަދުކޮށްގެން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ހޮސްޕިޓަލުގެ ހިންގުން އާސަންދަ އާ ހަވާލުކުމުން ހޮސްޕިޓަލުގެ ކެޕިޓަލް ހަރަދަށް 260 މިލިއަން ރުފިޔާގެ ބަޖެޓެއް އެންސްޕާގެ އިޖުތިމާއީސިއްހީ އިންޝުއަރެންސް ސްކީމުގެ ބޯޑުން ފާސްކުރި ނަމަވެސް 2017 ވަނަ އަހަރުގެ ނިޔަލަށްވެސް ހޮސްޕިޓަލުގެ ހަރަދުތައް ކުރަމުންގޮސްފައި ވަނީ އާސަންދަ ހެލްތު ސްކީމުގެ ހިދުމަތްދޭ މަރުކަޒުތަކަށް ދެއްކުމަށް ދޫކޮށްފައިވާ ފައިސާއިން ކަމަށްވާތީ އާސަންދައިގެ ހިދުމަތް ދިނުމަށްފަހު ހިދުމަތްދޭ މަރުޒަޒުތަކުން ހުށަހަޅާފައިވާ ބިލުތަކަށް ފައިސާ ދެއްކުން ލަސްވެފައިވާކަން އޮޑިޓް ރިޕޮޓުގައި ފާހަގަކޮށްފައިވެ އެވެ.
ހެލްތު ސްކީމުގެ ފައިސާއިން ހުޅުމާލެ ހޮސްޕިޓަލަށް ހަރަދުކުރަން ޖެހުނީ، ހުޅުމާލެ ހޮސްޕިޓަލް ހިންގަން އާސަންދައާ ހަވާލުކުރީ، އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުގައި އާންމުކޮށް ދޭ ފަރުވާތަކަށް ހާއްސަކޮށްގެން ހުޅުމާލެ ހޮސްޕިޓަލް ތަރައްގީކުރުމަށް ކަމަށްވެފައި، އެކަމަށް ބޭނުންވާ ފައިސާ އާސަންދައިގެ ބޯޑުން ފާސްކުރި ނަމަވެސް އެފައިސާ އާސަންދަ ކުންފުންޏަށް ދޫކޮށްފައިނުވާތީއްޔާއި، ހޮސްޕިޓަލް ހިންގުމަށް ވެސް ވަކިން ފައިސާ ދޫކޮށްފައިނުވާތީ ހޮސްޕިޓަލުގެ ހިދުމަތް މެދުނުކެނޑި ދިނުމަށްކަމަށް އާސަންދަ ކުންފުނިން ބުނެފަިއވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ވާދަވެރި ބީލަމަކާނުލާ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށް 130 މިލިއަން ރުފިޔާގެ މެޑިކަލް އަލާތްތައް ހުޅުމާލެ ހޮސްޕިޓަލުން ގަނެފައިވާ ކަމަށެވެ. އޭގެތެރެއިން ބައެއް ތަކެއްޗަށް 6.2 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ 5.7 މިލިއަނަށް އެސްޓީއޯ މެދުވެރިކޮށް އެތަކެތި ލިބެން ހުއްޓައި ކަމަށާއި 81.6 މިލިއަން ރުފިޔާގެ އިކުއިޕްމެންޓް ގަނެފައި ވަނީ އެތަކެތި ބަހައްޓަނެ އިންތިޒާމު ނެތީސްކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލުގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް އެއްފަހަރާ ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ބައިބަޔަށް ބަހާލައިގެން 1.8 މިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޑޮލަރުން ދައްކަން ޖެހޭ ފައިސާ އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓުން ދެއްކުމަށާއި އެ ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރަށް ފައިސާ ދައްކާފައިވާތީ އިތުރަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް އޮޑިޓްރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.