21 Nov 2018, 12:59
ޔުނައިޓެޑް ވޯލްޑް ކޮލެޖް (ޔޫޑަބްލިއުސީ)ގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޔޫޑަބްލިއުސީގެ ފޭސްބުކް ޕޭޖުގައި ބުނީ ސްކޮލަޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ 15ގައި ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނެ ކަމަށެވެ.
މި ސްކޮލަޝިޕަކީ ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ހާއްސަކޮށްފައިވާ ސްކޮލަޝިޕެކެވެ. އެ ފުރުސަތަށް ކުރިމަތިލާ ކޮންމެ ކުއްޖަކީ އެ އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުއްޖަކަށް ވާން ޖެހެ އެވެ.
މިއީ ފުލީ ސްޕޮންސާޑް ސްކޮލަޝިޕްތަކެކެވެ. ދެހާސް ވަނަ އަހަރުން ފެށިގެން ކޯސްތައް ސްޕޮންސާކުރަމުން އަންނަނީ އަލިފުޅު ތުއްތު ފައުންޑޭޝަނުންނެވެ.
އެ ސްކޮލަޝިޕުގައި ދަރިވަރުން ފުރިހަމަކުރާނީ އިންޓަނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ޑިޕްލޮމާ އެކެވެ.
ސަތާރަ ގައުމެއްގައި ޔޫޑަބްލިއުސީގެ ކެމްޕަސް ހުރެއެވެ. ވޭތުވެ ދިޔަ 17 އަހަރުތެރޭގައި ފަންސާހަށް ވުރެ ގިނަ ދިވެހި ދަރިވަރުން ވަނީ ޔޫޑަބްލިއުސީ ސްކޫލުތަކުން ތައުލީމު ހާސިލުކޮށްފަ އެވެ.
ސްކޮލަޝިޕް ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހަޅަން ޖެހޭނީ އަލިފުޅު ތުއްތު ފައުންޑޭޝަންގެ އޮފީހަށެވެ.