27 Sep 2011, 23:01
އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ސްޓޭޓް މިނިސްޓަރު ޝެއިހު ހުސެއިން ރަޝީދު އަހުމަދު ސަރުކާރުން އިސްތިއުފާ ދެއްވުމަށް އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ އެދިވަޑައިގެންފި އެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަދާލަތުގެ ރައީސް މިރޭ ވިދާޅުވީ، އަދާލަތުން އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލާފައިވާތީ، ސަރުކާރުގެ މަގާމުތަކުން އިސްތިއުފާދެއްވުމަށް އެދިވަޑައިގަތީ ޝެއިހު ހުސެއިން ރަޝީދާއި ޑރ. މަޖީދަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ، އަދާލަތުގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ނިންމުމަށް ދެބޭފުޅުން ވެސް އަމަލުކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ޕާޓީގެ ދުތުސްތޫރުގައިވާ ގޮތުން އެގޮތަށް އަމަލުކުރުމަށް ލާޒިމްކުރާ ކަމަށެވެ.
ނަމަވެސް، އަދި މިހާތަނަށް އެބޭފުޅުން ސިޓީ އަށް ޖަވާބެއް ދެއްވާފައި ނުވާ ކަމަށް ވެސް އަދާލަތުގެ ރައީސް ވިދާޅުވި އެވެ.
ޑރ. މަޖީދާއި ޝެއިހު ހުސެއިން ރަޝީދު ފޯނަށް ޖަވާބު ނުދެއްވާތީ އެބޭފުޅުންގެ ބަހެއް ސަން އަށް ލިބޭ ގޮތެއް ނުވި އެވެ.
ނަމަވެސް، "ހާވީރާ" ވާހަކަދައްކަމުން ހުސެއިން ރަޝީދު މިއަދު ވިދާޅުވެފައިވަނީ، މަގާމުން އިސްތިއުފާދެއްވަން އަންގަވަން ޖެހޭނީ ރައީސް ނަޝީދު ކަމަށެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހިއިރު މިއަދު ވިދާޅުވީ، އަދާލަތުން ކޯލިޝަން ރޫޅައިލިޔަސް އެޕާޓީއަށް ނިސްބަތްވާ ބޭފުޅުންނަށް ސަރުކާރުގައި ދެމިތިބެވޭނެ ކަމަށެވެ. އެގޮތުން މިހާރުވެސް ތަފާތު ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަށް ސަރުކާރުގެ ވަޒީފާގައި އެބަތިއްބެވި ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.