ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކާ ގުޅޭ ގޮތުން ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ކަމާ ގުޅުންހުރި މުވައްސަސާތަކާ އެކު މަޝްވަރާކޮށްފި އެވެ.

މިނިސްޓަރު ނަހުލާ ވަނީ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ފުރަތަމަ އެއް ހަފްތާ ތެރޭ ކުރަން ނިންމާފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ޓްރާންސްޕޯޓު އޮތޯރިޓީ އާއި ފުލުހުންނާ އެކު މަޝްވަރާ ކުރައްވައިފަ އެވެ.

ފުރަތަމަ ހަފްތާ ތެރޭ ކުރަން ނިންމާފައިވާ ކަންތަކުގެ ތެރޭގައި ޓެކްސީީ ބޯޑުގެ ފީ ކަނޑާލުމާއި، ޕާކުކޮށް ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނެގުމުގެ އިތުރުން މާލޭގެ ފަޅުތެރެ އާންމުންނަށް ލުއިފަސޭހަ ކުރުން ހިމެނޭ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށް ވުރެ ކުޑަކުރުމާއި މި މުއްދަތުގެ ތެރޭގައި މާލެ އާއި ހުޅުމާލެ އާއި ދެމެދު ދުއްވާ ބަސް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މަޑުކުރުމަށް ބަސް ސްޓޮޕްތައް ހެދުން ހިމެނޭ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން މާލޭގެ އެކި މަގުތަކުގައި ލޯޑިން އަންލޯޑިން ސަރަހައްދެއް ކަނޑައަޅައި މާލޭގައި ސައިކަލާއި ކާރަށާއި ޕިކްއަޕް އަދި ލޮރީތަކަށް ޕާކިން އޭރިއާ ކަނޑައަޅަން ވެސް ވަނީ ނިންމައި ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. ސަރުކާރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި އެއާޕޯޓު މުވައްޒަފުންނަށް ހިލޭ ސައިކަލު ޕާކު ކުރެވޭނެ ސަރަހައްދެއް ކަނޑައަޅައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނު ހަރުދަނާ ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއްރަށުން އަނެއް ރަށަށް ދާން ބޭނުންވާ ފަސިންޖަރުންނަށް މުޅި ރާއްޖޭގެ
ދަތުރުފަތުރުގެ ވިޔުގަ އެކުލެވިފާވާ ގޮތް އެޕެއް މެދުވެރިކޮށް ތާވަލެއްގައި ފެންނާނެހެން ބެހެއްޓުމުގެ ވައުދު ސަރުކާރުގެ ފުރަތަމަ 90 ދުވަސްތެރޭ ހާސިލް ކުރަން ވަނީ ކަނޑައަޅައިފަ އެވެ. މި މުއްދަތުގައި މާލޭގެ މަގުތައް އެނެލައިޒްކޮށް ހުޅުވަން ޖެހޭ މަގުތައް ހުޅުވުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ސަރުކާރުގެ ފުރަތަމަ 90 ދުވަސްތެރޭގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފުކުރަން ވެސް ވަނީ ނިންމައިފަ އެވެ.