ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެރިކަމުގެ އެންމެ ފަހު ދުވަހު މާލީ ބަޔާން ހުށަހެޅުއްވި ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީން މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާރު އިބްރާޙިމް މުއާޒު އަލީ ވެސް ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ޔާމީން ވެރިކަމުގެ އެންމެ ފަހު ދުވަހު މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށެވެ.

ޔާމީން ވެރިކަމުގެ އެންމެ ފަހު ދުވަހަކީ މި މަހުގެ 17 ވަނަ ދުވަހެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ ވަޒީރުންގެ ތެރެއިން ޔާމީން ސަރުކާރުގެ އެއްވެސް ވަޒީރަކު މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.

ޒިޔަތު ވިދާޅުވީ ޔާމީންގެ މާލީ ބަޔާނާ ގުޅިގެން އޭސީސީ އިން ހިންގަމުން ގެންދިޔަ ތަހުގީގަކަށް އެބޭފުޅުން މައުލޫމާތު ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

އޭސީސީ އިން ދާދި ފަހުން ބުނެފައި ވަނީ އެމްއެމްޕީއާރުސީ ފައިސާގެ ތެރެއިން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެމަނިކުފާނު ދައްކާފައިވާ ކަމަށެވެ. އެ ފައިސާ ހުރީ އޭސީސީގެ ބެލުމުގެ ދަށުގައި ހުރި އެކައުންޓެއްގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.