21 Nov 2018, 11:43
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރުންނަށް އެކަނި ފާޑުކިޔާތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ޖަމީލު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވެރިކަން ބަލިކަށިކުރުމަށް ބަޔަކު ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ހިންގަމުންދާ ކަމަށެވެ. އަދި ރާއްޖެ ޓީވީން މިހާރު ފަށާފައި ވަނީ، އެ އަމަލުތައް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކެބިނެޓުގެ 19 ވަޒީރުންގެ ތެރެއިން ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވަނީ ފަސް ވަޒީރުންނެވެ. އެއީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު، ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލްގެ އިތުރުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާއެވެ.
Mihaaru@raajjemvgai fashaafaivanee@ibusolihge verikan balikashi kurumah bayaku kuraa zimmaadhaarukan kuda amaluthah promote kurun. Vazeerunge majlihuge vaki bayakah amaazukoh faadu kiyaanee Coalition bai bai kuran. Dhen thibi faraaithakaa medhu kiyaane eycheh nethee thoa?
— Mohamed Jameel Ahmed (@MJameelAhmed)November 21, 2018
ބައެއް ފަރާތްތަކުން ދަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އެގޮތުން ކެބިނެޓްގެ މިނިސްޓަރުންގެ ތެރޭގައި ވިޔަފާރި މަސްލަހަތު ފުށުއަރާ އަދި އެ މިނިސްޓްރީއަކަށް ގާބިލް ނޫން ބޭފުޅުން އައްޔަން ކުރައްވާފައިވާ ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުންވެސް ވަނީ ފާޑުކިޔާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުމްލަ ހިމެނުނީ 15 މިނިސްޓްރީއެވެ. އޭގެތެރެއަށް ހަަތަރު މިނިސްޓްރީއެއް އިތުރުކޮށް ޖުމްލަ 19 މިނިސްޓްރީއެއް ހިމަނައި ރައީސް ޞާލިޙު ވަނީ ކެބިނެޓް ސްޓްރަކްޗަ އެކުލަވާލާފައެވެ.