ރިޔާޒު (ނޮވެމްބަރު 21): ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރާ ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާ ގުޅުން އޮތް ކަމަށް ޝައްކު ކުރެވުނު ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއާ ދިފާއުކޮށް ވާހަކަ ދައްކަވައިފި އެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއް ރައީސް ޓްރަމްޕް ވަނީ ހާޝުގްޖީ މަރާލުމުގެ ކުރިން، އެކަމާ ބެހޭ ގޮތުން ވަލީ އަހުދަށް އެނގިވަޑައިގެންފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ހާޝުގްޖީގެ މަރާ ބެހޭ ގޮތުން ހުރިހާ ހަގީގަތެއް ދުވަހަކު ވެސް ނޭނގުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ޖާސޫސީ އިދާރާތަކުން ދަނީ ހުރިހާ މައުލޫމާތެއް ދިރާސާ ކުރަމުން. ވަލީ އަހުދަށް އެހިތާމަވެރި ހާދިސާއާ ބެހޭ ގޮތުން އެނގިވަޑައިގެންފައި އޮތުމަކީ އެކަށީގެންވާ ކަމެއް. ވެދާނެ ވަލީއަހުދަށް އެނގިލެއްވި ކަމަށް ނުވަތަ އެނގިނުލައްވާ ކަމަށް ވެސް، ނަމަވެސް ޖަމާލް ހާޝުގްޖީގެ މަރާ ބެހޭ ގޮތުން ހުރިހާ ހަގީގަތެއް ދުވަހަކު ވެސް ނޭނގުމަކީ އެކަށީގެންވާ ކަމެއް،" ޓްރަމްޕްގެ ބަޔާނުގައިވެ އެވެ.

އަދި އެބަޔާނުގައި ޓްރަމްޕް ވަނީ ސައުދީ އަރަބިއާއަކީ އެމެރިކާގައި ރެކޯޑު މިންވަރަކަށް އިންވެސްޓު ކުރަން އެއްބަސްވެފައިވާ ގައުމެއް ކަމަށާއި އެމެރިކާއިން އިސްކުރާނީ އެގައުމުގެ މަސްލަހަތު ކަމަށް ވިދާޅުވެފަ އެވެ.

"މިގައުމާއި އިސްރާއިލާއި [މެދުއިރުމަތީގައި] އޮންނަ އެމެރިކާގެ އެހެން އެކުވެރި ގައުމުތަކުގެ މަސްލަހަތަށްޓަކައި، އެމެރިކާއިން އޮންނާނީ ސައުދީ އަރަބިއާގެ ދެގޮތެއްނުވާ އެކުވެރިއެއްގެ ގޮތުގައި،" ރައީސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ހާޝުގްޖީގެ މަރާ ގުޅިގެން އެމެރިކާގެ ބައެއް މަޖިލިސް މެމްބަރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ދަނީ ސައުދީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލަމުންނެވެ. ނަމަވެސް ޓްރަމްޕް ވަނީ އެފަދަ ފިޔަވަޅުތަކެއް އެމެރިކާ އިން ނާޅާނެ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ. އަދި ސައުދީއާ އެކު ހަދާފައިވާ ހަތިޔާރު ވިއްކުމުގެ އެއްބަސްވުން އުވާލައިފި ނަމަ އޭގެ ފައިދާ ލިބޭނީ ޗައިނާ އާއި ރަޝިއާއަށް ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އަންނަ ހަފްތާގައި އާޖެންޓީނާގައި ބާއްވާ ޖީ20 ސަމިޓަށް ވަލީއަހުދު ވަޑައިގެންފި ނަމަ، ވަލީއަހުދާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ މީޑިއާތަކުން ވަނީ ހާޝުގްޖީ މަރަން އަމުރު ކުރެއްވީ ވަލީއަހުދު ކަމަށް ސީއައިއޭ އިން ނިންމާފައިވާ ކަމަށް މީގެ ކުރިން ރިޕޯޓުކޮށްފަ އެވެ. ނަމަވެސް އެމެރިކާގެ ސަރުކާރުން ވަނީ ސީއައިއޭއިން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ބުނެފަ އެވެ.

ހާޝުގްޖީގެ މަރާ ގުޅިގެން ސައުދީން ވަނީ މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެމެރިކާއިން ވަނީ އޭގެ ތެރެއިން 17 މީހެއްގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.