27 Sep 2011, 22:43
ޓްރިޕޮލީ (ސެޕްޓެމްބަރ 16) : އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އާއި ފަރަންސޭސި ރައީސް ނިކޮލައި ސަކޯޒީ ލީބިޔާއަށް ވަޑައިގެންފިއެވެ. ދެބޭފުޅުން ވަކިވަކިން ލީބިޔާއަށް ވަޑައިގެންނެވިއިރު ޓްރިޕޮލީ އެއަޕޯޓުން އެ ދެބޭފުޅުންނާ ބައްދަލުކުރެއްވީ ލީބިޔާގައި މިހާރު ވެރިކަންކުރާ އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލް ޖަލީލެވެ.
ކެމެރޮން އާއި ސަކޯޒީ އަކީ ގައްޒާފީގެ ވެރިކަން ވެއްޓުނުފަހުން އެންމެ ފުރަތަމަ ލީބިޔާއަށް ޒިޔާރަތްކުރެއްވި ހުޅަނގުގެ ދެ ޒަޢީމުންނެވެ. ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ނޭޓޯއިން ދިން ވައިގެ ޙަމަލާތަކުގައިވެސް އިސް ދައުރެއް އަދާކުރީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތެވެ.
ސަކޯޒީއާއި ކެމެރޮން ލީބިޔާއަށް ވަޑައިގެންނެވީ ލީބިޔާގެ ތެލާއި ޤުދްރަތީ ގޭހުގެ ވިޔަފާރިން އެދެބޭފުޅުންގެ ޤައުމަށް ފައިދާލިބޭނެ ގޮތްތައް ހޯއްދެވުމަށް ކަމަށް މީޑިޔާ ރިޕޯޓްތައްބުނެއެވެ. ނަމަވެސް ލީބިޔާގައި ދެއްވި ބަޔާނެއްގައި ސަކޯޒީ ވިދާޅުވީ ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ފަރަންސޭސިވިލާތުން ދިން އެއްބާރުލުމުގެ ބަދަލުގައި ލީބިޔާއިން ޚާއްސަ ޢިނާޔަތެއް ފަރަންސޭސިވިލާތް ބޭނުންނުވާ ކަމުގައެވެ.
އަނެއްކޮޅުން އިސްލާމީ ޤައުމެއް ކަމަށްވާ ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންވެސް މިއަދު ލީބިޔާއަށް ވަޑައިގެންފި. އުރުދުޣާން ލިބިޔާއަށް ވަޑައިގަންނަވަނީ ލީބިޔާއެކޭ އެއްގޮތަށް ދާދިފަހުން ރައްޔިތުންގެ އިންޤިލާބުތަކުގައި ވެރިކަން ބަދަލުވި ޢަރަބި ދެޤައުމު ކަމަށްވާ މިސްރަށާއި ތޫނިސްއަށް ޒިޔާރަތް ކުރެއްވުމަށްފަހުގައެވެ.
އުރުދުޣާން ލީބިޔާއަށް ވަޑައިގެންނެވީ ތުރުކީގެ ވިޔަފާރިވެރިންނާއި ތަޖްރިބާކާރުންނާއި އިސްމަސްއޫލުވެރިން ހިމެނޭ 250 މީހުންގެ ވަފްދަކާ އެކުގައިކަމަށް ތުރުކީގެ ޚާރިޖިއްޔާއިން ބުނެއެވެ. -- އަލްޖަޒީރާ