20 Nov 2018, 21:49
އަނެއްކާވެ މިރޭ ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
އެ ހާދިސާ ހިނގައިފައިވަނީ ހުޅުމާލެ ނިރޮޅު މަގުގައެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ޞާލިހު ވިދާޅުވީ ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިގެން މިރޭ 20:20 ތިން މީހަކު އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ.
" މި ހޮސްޕިޓަލަށް ގެނައީ މ. ކޮލަމާފުށީ 20 އަހަރުގެ ފިރިހެނަކާ އދ. ހަންޏާމީދޫގެ 25 އަހަރު އަދި 22 އަހަރުގެ ދެ އަންހެނުން،" އާޝިޔާ ވިދާޅުވިއެވެ.
"25 އަހަރުގެ އަންހެން މީހާގެ ބޯފަޅައިގެން ގޮސް 22 އަހަރުގެ އަހަރުގެ އަންހެން މީހާއަށް ކުދިކުދި އަނިޔާ ލިބިފައިވޭ. ފިރިހެން މީހާގެ ބޮލަށް ކޮންމެވެސް ވަރަކަށް އަނިޔާވި."
އާޝިޔާ ވިދާޅުވީ އެ ހާދިސާ ހިނގައިފައިވަނީ ސައިކަލްގައި ދިޔަ މީހަކު ހިނގައިފައި ދިޔަ ދެ އަންހެނުން ގައިގައި ޖެހުމުން ކަމަށެވެ.
އެ ހާދިސާގައި ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ސިނަމާލެ ބުރިޖު ކައިރިން ހުޅުމާލެ ހައިވޭ ސަރަހައްދުގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން ތިން މީހަކަށް މިރޭ ވަނީ ފަރުވާ ދީފައެވެ.