އެތެރޭގެ އުދުހުންތަކުގެ ހުއްދަ ވިލާ އެއާ އަށް ސަރުކާރުން ދިނުމާ ގުޅިގެން އަންނަ މަހުގެ އެއް ވަނަ ދުވަހު އދ. މާމިގިއްޔާއި މާލެއާ ދެމެދު ދަތުރުތައް ފަށަން ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިލާ އެއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ރިލްވާން ޝަރީފް މިއަދު ވިދާޅުވީ، "ފްލައި މީ" ގެ ނަމުގައި އޮޕަރޭޓްކުރާ 46 ގޮނޑީގެ ޖާގައިގެ އޭޓީއާރު 42500 މަރުކާގެ ބޯޓުގެ ފުރަތަމަ ދަތުރުތައް ކުރުމަށް ނިންމަވާފަ ވަނީީ ވިލާ އެއާޕޯޓު ގާއިމްކޮށްފައިވާ މާމިގިއްޔާއި މާލެ އާ ދޭތެރޭގައި ކަމަށެވެ. އެ ދަތުރުތައް ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިއަދު ހުއްދަ ލިބުމާ ގުޅިގެން އޮކްޓޯބަރު އެއްވަނަ ދުވަހު އަޅުގަނޑުމެންގެ ދަތުރުތައް ފަށާގޮތަށް ވަނީ ހަމަޖެހިފަ. ފުރަތަމަ އަޅުގަނޑުމެންގެ ދަތުރުތައް ހަމަޖެހިފައި މިވަނީ މާލެއާއި މާމިގިއްޔާ ދޭތެރޭގަ. އަންނަ ނޮވެމްބަރު ގައި ގދ. ކާޑެއްދޫއަށްވެސް ދަތުރުތައް ފަށާނެ،" ރިޟުވާން ވިދާޅުވިއެވެ.

ފުރަތަމަ ބުރުގައި ދަތުރުތައް ހާއްސަކޮށްފައިވަނީ މާމިގިއްޔާއި ކައިރީގަ ވިލާ ގްރޫޕުން ހިންގާ ދެ ރިސޯޓުކަމަށްވާ ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑަށް ޓޫރިސްޓުންނާއި މުވައްޒަފުން އުފުލުމަށް ކަމަށާއި ނަމަވެސް، އާއްމުންނަށް ވެސް ދަތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުސްތަގުބަލުގައި އިންޓަނޭޝަނަލް ދަތުރުތައް ކުރުމަކީ ވިލާއިން ވިސްނަމުންދާ ކަމެއް ކަމަށާއި ވިލާ އެއާޕޯޓަކީ އެ ފެންވަރަށް ތަރައްގީ ކޮށްފައިވާ އެއާޕޯޓެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރިލުވާން ވިދާޅުވީ ހދ. ހަނިމާދޫ އަދި ލ. ކައްދޫއަށް ދަތުރުތައް ކުރެވޭނީ އިތުރު ބޯޓެއް ގެނެސްގެންކަމަށްވާތީ އަންނަ އަހަރު އިތުރު ބޯޓެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ފުލައިޓް ޓިކެޓްގެ އަގު އަދި ކަނޑައަޅާފައިނުވި ނަމަވެސް ވަރަށް އަވަހަށް އަގުވެސް ކަނޑައަޅައި، އާއްމުކުރާނެ ކަމަށެވެ.

ވިލާ އެއާޕޯޓް ތަރައްގީކުރުމަށް 40 މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުވެފައިވާކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި ލިޔުމާ ގުޅޭ އޯޑިއޯ

Villa Air (mp3)