މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތް އޮތީ ބޮއްސުންލާފައި ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހޯމް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުން ދައުލަތުގެ ކަންކަން ބޮއްސުންލާފައި އޮތްވަރު އެނގިގެން ގޮސްފައިވާ ކަމަށެވެ.

"ދައުލަތުގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަށާއި ދެ ފުށް ފެންނަ ތަހުޒީބީ އުސޫލަކުން ކަންކަން ހިންގުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެޖެންޑާ ކާމިޔާބު ކުރެއްވުމަށް ކޮންމެ ގޮންޖެހުމަކާ ވެސް ކުރިމަތިލާނަން. އިންޝާﷲ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެފަދަ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާއިރު އެންމެ ބޮޑަށް ހަނދާން ވަނީ އަލްމަރްހޫމް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މަތިން ކަމަށެވެ.

"އެންމެ ބޮޑަށް ހަނދާން ވަނީ އަބްދުލް މަޖީދު އަބްދުލް ބާރީގެ ހެޔޮ ލަފާފުޅާއި ނަސޭހަތްޕުޅާއި އިރުޝާދު. އެމަނިކުފާނު ނެތުމުގެ ގެއްލުން އަޅުގަނޑަށް ދުވަހަކުވެސް ފޫނުބެއްދޭނެ،" އިމްރާން ވިދާޅުވިއެވެ.