20 Nov 2018, 17:42
އިދިކޮޅު ސިޔާސީޕާޓީއެއް ރާއްޖޭގައި އޮތަ ނުދޭން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ތުހުމަތު ކުރައްވައިފިއެވެ.
ނިހާން މިއަދު ކުރެއްވި ޓުވީޓުގައި ވަނީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސިޔާސީ އިދިކޮޅު ޕާޓިތައް ނައްތާލުމަށް ޝަރީފް ކުރައްވަމުންގެންދަވާ މަސައްކަތްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ނިހާން ވަނީ ގޮވާލައްވައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ، އިދިކޮޅު ޕީޕީއެމްއަށް ފޮނުވާ ސިޓީތައް އެޑްރެސްކުރަންވީ ކާކަށްތޯ ސާފުކޮށްދިނުމަށް އެ ޕާޓިގައި އެދިފައެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުގައި ޕީޕީއެމްގެ މެމްބަރަކު ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގެން އެ މަގާމުގައި ދެމި ހުންނަވާ މުއްދަތުގައި އެބޭފުޅަކީ ޕީޕީއެމްގެ މުސްތަޝާރު ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ދައުރު، މި މަހުގެ 17 ވަނަ ދުވަހަށް ހަމަވެފައިވާތީ، އެ ތަރީޚުގެ ފަހުން ޕީޕީއެމްއަށް ފޮނުވާ ސިޓީތައް އެޑްރެސްކުރާނެ ފަރާތެއް ސާފުނުވާ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުން ކުރީގެ ރައީސް ޔާމީން ނާކާމިޔާބުވެވަޑައިގެން ފަހުން، ޕީޕީއެމްއިން ވަނީ ޚާއްސަގޮތުން ބާއްވާ ކޮންގްރެސްއެއް ބާއްވައި، އެޕާޓީގެ ރައީސްކަމަށް ޔާމީން އިންތިހާބުކޮށްފައެވެ. އަދި އެޕާޓީގެ ނައިބު ރައީސުންނާއި ސެކްރެޓޭރިއަޓުގެ އިސްވެރިންނާއި ޕާޓީ ކައުންސިލަށްވެސް މެމްބަރުން އިންތިހާބުކުރިއެވެ.
ނަމަވެސް ޚާއްސަގޮތުން ބޭއްވި ކޮންގްރެސްގައި އިޖުރާއަތްތައް ފުރިހަމަ ނުކުރާކަމަށާއި، އެހެން ޕާޓީތަކުގެ މެމްބަރުންވެސް ބައިވެރިވެ، ވޯޓުލާފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން އެ ކޮންގްރެސް ގަބޫލުނުކުރަން ވަނީ ނިންމާފައެވެ.