ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރުތައް ދިނުމަށްޓަކައި "ސަންސެޓް ގާނޫނުގެ ބިލް" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހުގެ ތެރޭގައި ރައީސް ސޯލިހު ވަނީ ދެ ރިޔާސީ ކޮމިޝަނެއް އެކުލަވާލައިފައެވެ.

އެއީ:

ކޮރަޕްޝަން އަދި އެސެޓް ރިކަވަރީއާ ބެހޭ ރިޔާސީ ކޮމިޝަން

  • އަހްމަދު އައްސަދު (ރައީސް)
  • އާސް އަބްދުﷲ
  • ނަދީމް އިބްރާހިމް
  • އާއިޝަތު ހަނާ ވަހީދު
  • ފާތިމަތު ސަރީރާ އަލީ ޝަރީފް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަން

  • ހުސްނުއްސުއޫދު (ރައީސް)
  • އަބްދުﷲ މުނާޒް
  • އާދަމް އިބްރާހިމް
  • ފަރީޝާ އަބްދުﷲ
  • މިސްބާހު އައްބާސް

"ސަން"އަށް އެނގިފައިވާ ގޮތުގައި، މި ކޮމިޝަންތަކުގެ މަސައްކަތްތަކުން ނަތީޖާ ނެރުމަށްޓަކައި ސަރުކާރުން ވަނީ މަޖިލީސް މެދުވެރިކޮށް ސަންސެޓް ގާނޫނެއް ފާސްކުރުމަށް ނިންމާފައެވެ.

ސަންސެޓް ގާނޫނަކީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ބާރު ހިނގާ ގާނޫނެކެވެ. އަދި ގާނޫނު ހަދާ މަޖިލީސް މެދުވެރިކޮށް އެ މުއްދަތަށް ބަދަލުނުގެންނަ ހިނދަކު، މުއްދަތު ހަމަވުމުން އެ ގާނޫނުގެ ބާރު ކެނޑޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން އުފެއްދެވި ދެ ކޮމިޝަނުވެސް އުފެއްދެވުމަށް ނެރުއްވި ގަރާރުގައި އެމަނިކުފާނު ވަނީ ދެ ކޮމިޝަނުންވެސް ތަހުގީގުކުރެވޭ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާއަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާއަކަށް ލިބިދޭ އެންމެހާ ބާރުތައް ކޮމިޝަނަށް ލިބޭނެކަމަށް ކަނޑައަޅުއްވާފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް މި ބާރުތައް ދިނުމުގެ ގޮތުން މަޖިލީހަށް ހުށަހަޅާ ސަންސެޓް ގާނޫނު އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މަރާލެވިފައިވާ އަދި ގެއްލުުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި އަދި ގެއްލިފައިވާ ފައިސާ ހޯދުމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ އިތުރުން، ރައީސް ސޯލިހު ވަނީ ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީއެއް ވެސް އުފައްދަވާފައެވެ.

އެ ކޮމިޓީގައި ތިއްބަވަނީ ހޯމް މިނިސްޓަރާއި، ކޮމިޝަނާ އޮފް ޕޮލިސްއާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލްއެވެ.