ގއ. ވިލިނގިލީ ބޭންކް ފަޅާލައި ވަގަށް ނެގި ފައިސާ ތަކުގެ ތެރެއިން 14 މިލިއަން ރުފިޔާ އެ ރަށު ފަޅު ގެ އެއްގެ ތެރޭގައި ހުރި ދޮންނަ މެޝިނަކުން ހޯދައިފި އެވެ.

ވިލިނގިލި ބްރާންޗުގެ ފުރާޅު ހަލާކުކޮށްލައިގެން އެތަނަށްވަދެ، ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގީ މިދިޔަ ހޯމަ ދުވަހުގެ ރޭގަ އެވެ. އެ މައްސަލާގައި މިހާތަނަށް ވަނީ އަށް މީހަކު ހައްޔަރުކޮށްފަ އެވެ.

އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން 'ސަން' އަށް މައުލޫމާތު ދެމުން ބުނީ ފުލުހުން އެ ފައިސާ ހޯދާފައިވަނީ ރޭ ގެ ވަގުތެއްގައި އެ ރަށު ފަޅު ގެ އެއްގެ ތެރޭގައި ހުރި ދޮންނަ މެޝިނެއްގެ ތެރޭ ފޮރުވާފައި ހުއްޓައި ކަމަށެވެ.

ފުލުހުން އެ ސަރަހައްދު އެއްކޮށް ބަންދުކޮށްގެން ރޭ ވަނީ ބޭންކު މުވައްޒަފުންގެ އެހީގައި ފެނުނު ފައިސާތައް ގުނާފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި ޑޮލަރު ހިމެނޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ވަގަށް ނެގި ފައިސާގެ އަދަދު ސީދާ ބުނާކަށް ނޭނގޭ. އަދި ރޭ ފެނިފައި އެ ވަނީ ވެސް އެ ފައިސާގެ ތެރެއިން އެއް ބައި. އަނެއްބައި އަދިވެސް ނުފެނޭ،" އޭނާ ކިޔައިދިނެވެ.

އެ މައްސަލާގައި އިއްޔެ ހަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭގެ ފަހުން ފުލުހުން އެއްވެސް ތަފްސީލެއް ނުދެއެވެ.

އެނގިފައިވާ ގޮތުގައި ބޭންކް ފަޅާލި މައްސަލާގައި މިއަދު ވަނީ ބިދޭސީ މީހަކާއި އެކު އިތުރު ދިވެއްސަކު ވެސް ހައްޔަރުކޮށްފަ އެެވެ. އަދި މިއަދު ހައްޔަރު ކުރި ބިދޭސީ މީހާ މަސައްކަތްކުރާ ގަރާޖު ވެސް ފުލުހުން ބަލަމުންދާ ކަމަށް ވަނީ އެނގިފަ އެވެ.

މި ހާދިސާއާ ގުޅިގެން ވިލިނގިލީ ބްރާންޗުން ދެމުން ގެންދިޔަ ހިދުމަތްވެސް ވަނީ ވަގުތީގޮތުން އިއްޔެ މެދުކަނޑާލައިފައެވެ. ބީއެމްއެލް އިން ބުނީ އެ މައްސަލާގައި ފުލުހުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އަލުން ހިދުމަތް ދޭން ފަށާނެ ކަމަށެވެ.