03 Jun 2010, 10:14
14:30
ތިން ރަށެއްގައި ރޯ ހައުސް އެޅުމަށާއި އިތުރު ދެ ރަށެއްގައި ގެ އެޅުމުގެ މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ ޕްރޮވިންސްތަކުގައި ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ގއ. ކޮލަމާފުށްޓާއި، ހދ.ކުޅުދުއްފުއްޓާއި، އަދި ޅ.ނައިފަރުގައި 25 ރޯ ހައުސް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ފަސް ރޯ ހައުސް، ފަސް ޕްރޮޖެކްޓްގެ ގޮތުގައި ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. އަދި މި ޕްރޮޖެކްޓްގައި ގިނަވެގެން އެފަރާތައް ބީލަން ހުށަހެޅެނީ ދެ ޕްރޮޖެކްޓަށް ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
މީގެ އިތުރުން އެޗްޑީސީން ދައްކާ ކުރެހުމާއި އެއްގޮތަށް ނ.މަނަދޫ އާއި ގދ.ތިނަދޫގައި އެ ކޯޕަރޭޝަނުން ދައްކާ ބިމެއްގައި 25 ގެ އެޅުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވަލާފައިވާ ކަމަށާއި އެ މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ފަސް ގޭގެ ފަސް ޕްރޮޖެކްޓްގެ ގޮތުގައި ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. އަދި މި ޕްރޮޖެކްޓްގައި އެއްފަރާތައް ގިނަވެގެން ބީލަން ހުށަހެޅެނީ ދެ ޕްރޮޖެކްޓަށް ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނީ މަސައްކަތް ހަވާލުކުރާ ފަރާތެއް ކަނޑައެޅުމުގައި އެ ރަށެއް ހިމެނޭ ޕްރޮވިންސެއްގެ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށެވެ. އަދި ހޮވޭ ފަރާތްތަކުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓް ޑޭޓެޑް ޗެކެއް ހުށަހެޅުމުން އެ ޕްރޮޖެކްޓެއް އެ ފަރާތަކަށް ލިބޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. އެޗްޑީސީން ބުނީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ރަށްރަށުގެ އޮފީހުގައި ރަޖިސްޓްރީން ވާންޖެހޭނެ ކަމަށެވެ.