ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުން ދަނިކޮށް ބ. ދަރަވަންދޫގެ ނެރުމައްޗަށް އެރި ސަފާރީ ޔޮޓެއް ފުންކުރުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، 13 ފަތުރުވެރިންނާއި 14 ފަޅުވެރިން ހިމެނޭ ގޮތަށް 27 މީހުންނާއެކު ދަތުރުކުރި އެ "ބްލޫ ލެގޫން" ނަމަކަށް ކިޔާ އެ ސަފާރީ ޔޮޓު ބ. ދަރަވަންދޫގެ ނެރަށް އެރި ހާދިސާގެ ރިޕޯޓު ލިބުނީ ހޯމަ ދުވަހުގެ ދަންވަރު 12:45 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރޮންގެ ހާބާ ކްރާފްޓު ލޯންޗު ވަނީ އެވަގުތުން ފެށިގެން ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ޔޮޓު ފުންކުރުމުގެ މަސައްކަތް، އޭގެ ވެރިފަރާތުން ކުރަމުންދާ ކަމަށާއި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ޑައިވަރުންވެސް ދަނީ އެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.