ދެހާސް ބާރަވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު ވިކީ ޑޯނާ' އަކީ މިހާރު ބޮލީވުޑުގައި އެންމެ އަލިގަދަ އެއް ތަރި، އާޔޫޝްމަން ޚުރާނާ ބޮލީވުޑަށް ތައާރަފުވި ފިލްމެވެ.

ތަފާތު ވާހަކައެއްގެ މައްޗަށް އުފެއްދި އެ ފިލްމަށް ބެލުންތެރިންނާއި ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. ފިލްމު ރިލީޒްކުރިތާ ހަ އަހަރުވެފައި ވީނަމަވެސް، ފިލްމު ކަމުދިޔަ ގިނަ ބަޔަކު އަދިވެސް ތިބީ އެ ފިލްމުގެ ދެވަނަ ބައެއް ބަލައިލުމުގެ އުންމީދުގައެވެ. އަދި ފިލްމުގެ ސީކުއަލް އެއް ހަދަން އުޅޭކަމަށް ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތުގެ ސީދާ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

'ވިކީ ޑޯނާ'ގެ ސީކުއަލް އަކާ ގުޅޭގޮތުން އާޔޫޝްމަން އަށް ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ ފިލްމުގެ ދެވަނަ ބައެއްގެ މަސައްކަތް ކުރާކަން އޭނާއަށް ނޭނގޭ ކަމަށެވެ. ނަމަވެސް ފިލްމުގެ ދެވަނަ ބައެއް އުފައްދާ ނަމަ، ފިލްމުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އާޔޫޝްމަން ބުނީ ދެވަނަ ބައެއް ހަދާނަމަ، ފުރަތަމަ ފިލްމާއި އެއްވަރުގެ ނުވަތަ އެއަށްވުރެ މޮޅު ސްކްރިޕްޓެއް ހޯދަން ޖެހޭނެ ކަމަށެވެ. ނޫންނަމަ ކުރި މަސައްކަތް ބޭކާރުވާނެ ކަމަށެވެ. 'ވިކީ ޑޯނާ' އަށްފަހު އާޔޫޝްމަން ވަނީ ކާމިޔާބު، އަދި ތަފާތު މޮޅު ފިލްމުތަކަކުން ފެނިގެން ގޮސްފައެވެ. އޭގެތެރޭގައި މި އަހަރު ރިލީޒްކުރި 'އަންދާދުން' އަދި 'ބަދާއީ ހޯ' ފާހަގަކޮށްލެވެ އެވެ.