ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ޗައިނާ މާކެޓަކީ ދެމި އޮންނާނެ ވަސީލަތެއްތޯ ބަލައި އެގައުމުގެ ސަގާފަތާއި އެއްގޮތަށް ރާއްޖޭގެ ރިސޯޓް ތަކުން ދެވޭ ހިދުމަތް ބައްޓަން ކުރުމަށް ވިސްނަން ޖެހިފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ބުނެފި އެވެ.

ބައިނަލް އަގްވާމީ ފަތުރުވެރި ކަމުގެ ދުވަހާ ގުޅިގެން މަޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފަތުރުވެރިކަމުގެ އިންޑަސްޓްރީ އަށް ގިނަ ގޮންޖެހުންތްކައް ކުރިމަތި ވަމުންދާ ކަަމަށެވެ. އެގޮތުން ޔޫރަޕާއި އެމެރިކާ އަށް ކުރިމަތި ވެފައިވާ އިގްތިސާދީ ތަދުމަޑު ކަމުގެ ސަބަބުން އޭޝިޔާއާއި ރާއްޖެއަށް ނުރަނގަޅު އަސަރުތައް ކުރާނެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކުން އުޖާލާ މަންޒަރެއް ދެއްކި ނަމަވެސް، ރިސޯޓުތައް ހިންގާ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކަށާއި ކުރާ ބުރަ މަސައްކަތްތަކަށް އެވެދޭ އާމްދަނީއެއް މިހާރު ނުލިބޭކަން ފާހަގަކުރަން ޖެހެ އެވެ. ޗައިނާއިން ގިނަ އަދަދަކަށް ރާއްޖެއަށް ޓޫރިސްޓުން އައި ނަމަވެސް، އެމީހުން ރިސޯޓުތަކަށް ދައްކަނީ ވަރަށް ކުޑަ ރޭޓެކެވެ،" މަޓީގެ ބަޔާނުގައި ބުނެ އެވެ.

އަދި މިހާރުގެ ޗެލެންޖަކަށްވާނީ ރާއްޖޭގެ ގަދީމީ މާކެޓުތަަކަށް އަންނަމުންދާ ލޮޅުންތަކަށް ތައްޔާރުވެ، އަޅާނެ ފިޔަވަޅުތަކެއް އަވަހަށް ކަނޑައެޅުން ކަމަށް ވެސް މަޓީން ބުނެ އެވެ.

އެގޮތުން މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ މާކެޓަކީ ދެމި އޮންނާނެ ވަސީލަތެއްތޯ ބަލައި، އެގައުމުގެ ސަގާފަތާއި އެއްގޮތަށް ބައެއް ރިސޯޓުތަކުން ދެވޭ ހިދުމަތްތައް ބައްޓަން ކުރުމާމެދު ވިސްނަން ޖެހިއްޖެ ކަމަށް ވެސް މަޓީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ދިރެމުން އަންނަ ރަޝިޔާގެ މާކެޓު، ހަލުވި ދުވެއްޔެއްގައި ކުރިއެރާކަމީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ، ވޭތުވެދިޔަ 10 އަހަރު "ހަރުދަނާ ވިސްނުމެއް ނެތި، ރޭވުމެއް ނެތި" ބާޒާރަށް ދޫކޮށްލާފައިވާ ރަށްތައް ރިސޯޓުތަކަށް ހެދޭތޯ ސަރުކާރުން މަސައްކަތްތަކެއް ކުރާކަން ފަހަގަކޮށްފަ އެވެ.

"ނަމަވެސް، މި ރިސޯޓުތައް ވުޖޫދަށް އަޔަސް ނަޔަސް ކައިރިޔާ މެދު ރާސްތާގެ ޑިމާންޑަށް ބަލައި، ރާއްޖޭގެ ރިސޯޓް ޖާގަ އައު ގޮތްގޮތަށް ބައްޓަން ކުރަން އެބަޖެހެ އެވެ މިކަމުގައި ރާއްޖެއަށް ޝައުގުވެރިވާ މާކެޓުތަކަށް ރާއްޖެއީ އަތްފޯރާވަރުގެ އަގުތަކެއްގައި ވިއްކާ މަންޒިލަކަށް ވާން ޖެހެ އެވެ." މަޓީގެ ބަޔާނުގައިވެ އެވެ.

އަދި ފަތުރުވެރިކަމުގެ ހަތަރުވަނަ މާސްޓާ ޕްލޭން އެކުލަވާލެވިގެން ދާއިރު މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ވިސްނައިގެން ޕްލޭން އެކުލަވާލުމަށް އިސްކަން ދިނުމަށް މަޓީން ގޮވާލާފައިވެ އެވެ.