20 Nov 2018, 00:06
ހަގީގަތް ނޭނގޭ މަރުތަކުގެ މައުލޫމާތު ހުށަހަޅަން ރައްޔިތުންނަށް ފުރުސަތު ދޭނެކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނުންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ސުއޫދު މިރޭ ވިދާޅުވީ އެ ކޮމިޝަނުން ތަހުގީގު ކުރުމަށް 29 މައްސަލައެއް އެބައޮތްކަމަށެވެ.
އޭނާ ވިދާޅުވީ ކޮމިޝަނުން 29 މައްސަލައެއް ބަލަން ނިންމި ނަމަވެސް އޭގެ ތެރޭ ނުހިމެނޭ، އިތުރު މައްސަލަތައް ކޮމިޝަނަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
އެ މަރުތަކުގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން ބަލަން ނިންމާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން މިއަހަރުގެ ނޮވެމްބަރު 17 އާ ހަމައަށް ހިނގާފައިވާ މަރުގެ މައްސަލަތަކާއި ކިޑްނެޕިންގެ މައްސަލަތަކެވެ. އެ ކޮމިޝަނަކީ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކަށް ލިބިގެންވާ ބާރުތައް ލިބިގެންވާ ކޮމިޓީއެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ކޮމިޝަނުން ބަލާ މައްސަލަތަކަކީ 2012 ވަނަ އަހަރުން ފެށިގެން ހިނގާފައިވާ މައްސަލަތައްކަމުގައި ހަމަޖެއްސީ އެ މުއްދަތުގައި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ހިނގާފައިވާތީ ކަމަށެވެ.
"އެ މައްސަލަ ތަހުގީގުކުރުމަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދޭކަމެއް" ސުއޫދު ވިދާޅުވިއެވެ.
މި މައްސަލަތައް ބެލުމުގައި އެކްސްޕާޓުންގެ އެހީ ހޯދަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲ ގެއްލުނު މައްސަލައާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ ކޮމިޝަނުން ބަލާނެ މައްސަލަތަކެވެ. މިއީ އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ މައްސަަލަތައްވެސްމެއެވެ.
ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅިގެން ބަޔާންނަގަން ޖެހޭ ހުރިހާ އެންމެންގެ ބަޔާންވެސް ނަގާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
"ބަޔާން ނަގަންޖެހޭ އެންމެންގެ ބަޔާންވެސް ނަގާނަން. ވަކިބަޔަކު އިސްތިސްނާއެއް ނުވާނެ،"
ކޮމިޝަނުން މައްސަލަ ބެލުމުގައި "ތޯތޯ ވާހަކަތަކަށް ނުބަލާނެ" ކަމަށާއި އެ ކޮމިޝަނުން އިސްކަންދޭނީ ބުއްދި ގަބޫލުކުރާ ވާހަކަތަކަށް ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
ކޮމިޝަނުން ބަލާ މަރުގެ މައްސަލަތަކަކީ ސިޔާސީ މަރުތަކަކަށް ވެދާނެތޯ ސުވާލު ކުރުމުން ސުއޫދު ވިދާޅުވީ މައްސަލަތައް ބަލާނީ އެއީވެސް ވެދާނެ ކަމެއްކަމަށް ބަލައިގެން ކަމަށެވެ.